ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަޖިލިސް އިދާރާއަށް އެޑްރެސްކޮށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި މި މަހުގެ 28 ގައި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ލިބިގެން ދިޔުމަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލައިގެން ދިޔަ ކަމެއް ކަމަށެވެ.
ޖާބިރު ވިދާޅުވީ އޭނާ މިދިޔަ މަހު މަޖިލީހަށް ވާދަކުރަން ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމެރީ ވާދަކޮށް ޓިކެޓް ލިބުމުން ޕާޓީން ބޭރުކޮށް ޕްރައިމަރީގައި ވާދަނުކުރާ މީހަކަށް ޓިކެޓް ވެދުމަށް އެރުވުމަކީ ވެސް ޑިމޮކްރަސީގެ ރީތި އުސޫލްތަކާ ހިލާފުކަމެއް ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން މަޖިލިސް މެމްބަރުކަމުން އޭނާ އިސްތިއުފާ ދެއްވާކަމަށް ޖާބިރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެވޭގޮތް ނުވުމުން ޖާބިރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އެދާއިރާގެ ގޮނޑި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ ޕީއެންސިގެ ކެނޑިޑޭޓު މުންތަޒިމް އިބްރާހިމް އެވެ. އޭނާއަށް 411 ވޯޓު ލިބިލެއްވި އެވެ.
އެދާއިރާއަށް ވާދަކުރެއްވި ތިން ކެނޑިޑޭޓުންގެ ތެރެއިން ޖާބިރަށް ދިޔައީ ފުލަށެވެ. އޭނާއަށް ލިބުނީ އެންމެ 44 ވޯޓެވެ.
ޖާބިރު މެމްބަރުކަމުން އިސްތިއުފާ ދެއްވިއިރު ދެން އޮންނާނީ މި ދައުރުގެ ފަހު ޖަލްސާތަކެވެ. އެންމެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެމްބަރުން ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.