April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއިން އެހެން ގައުމުތަކަށް އަތްގަދަކުރަނީ ތެލުގެ މުއްސަނދިކަން ފޭރުމަށް: ރަޝިޔާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 25, 2026, 11:31 AM
މާލެ ސިޓީ

ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކުގައި އެމެރިކާގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި، "ޑޮމިނޭންސް ޑޮކްޓްރިން" އެއް ނުވަތަ ބާރުވެރިކަން ފެތުރުމުގެ ސިޔާސަތެއް އެ ގައުމުން ގެންގުޅޭ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.

Advertisement

ލަވްރޯވް މިހެން ވިދާޅުވީ، އެމެރިކާއިން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އީރާނާއި ވެނެޒުއެލާ ފަދަ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ގައުމުތަކަށް އެމެރިކާއިން އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ކުރިމަތިކުރާ ތަދައްޚުލުވުންތަކުގެ އަސްލަކީ އެ ގައުމުތަކުގައި ހުރި ތެލުގެ މުއްސަނދިކަމެވެ.

އޭނާ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، އެމެރިކާގެ މި ސިޔާސަތުގެ މަގުސަދަކީ ދުނިޔޭގެ ތެލާއި ގޭހުގެ އަގުތައް ކޮންޓްރޯލްކުރުމާއި، އެމެރިކާގެ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށްޓަކައި އެހެން ގައުމުތަކުގެ މިނިވަންކަމަށް އަރައިގަތުމެވެ.

ޚާއްޞަކޮށް ވެނެޒުއެލާއަށް އިޝާރާތް ކުރައްވަމުން ލަވްރޯވް ވިދާޅުވީ، އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބާނަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ކަމަށްވީ ނަމަވެސް، ހަގީގީ ބޭނުމަކީ އެ ގައުމުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވަށް އަތްގަދަކުރުން ކަމަށެވެ. ހަމައެފަދައިން، އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވެސް އެ ގައުމުގެ ހަކަތައިގެ ސިނާއަތް އިނދަޖައްސާލުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އަސްކަރީ ހަރަކާތްތަކަކީ "ޑިމޮކްރަސީ" ގާއިމުކުރުމަށް ކުރާ ކަންކަމެއް ނޫން ކަމަށާއި، އެއީ ސީދާ އެހެން ގައުމުތަކުގެ މުއްސަނދިކަން ފޭރުމަށް ހިންގާ އުދުވާންތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މަސްލަހަތު ގެއްލި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުތަނަވަސްކަން ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ލަވްރޯވްގެ މި ބަޔާނަކީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ އިސްތިއުމާރީ ސިޔާސަތުތައް ފަޅާއަރުވާލުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ރަޝިޔާއިން ދެކޭގޮތުގައި އެމެރިކާގެ މި "ޑޮމިނޭންސް ޑޮކްޓްރިން" އަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި އެހެން ގައުމުތަކުގެ ސިޔާދަތަށް ހުރި ނުރައްކަލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved