
ހދ. ނޮޅިވަރަމުން ދުވާލެއްގެ މައްޗަށް އެތައް ފަހަރެއްގެ މަތިން ކަރަންޓުގެ ހިދުމަތް ކެނޑޭ މައްސަލަ ބޮޑުވެއްޖެއެވެ.
ނޮޅިވަރަމަށް 24 ގަޑިއިރު ކަރަންޓު ޔަގީންނުވާ ކަމަށާއި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ހަ ވަރަކަށް ފަހަރު ކަރަންޓު ކެނޑޭކަމަށް އެ ރަށުގެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ނޮޅިވަރަމުން ކަރަންޓު ކެނޑުމުގެ މައްސަލަ ފަހަކަށް އައިސް ބޮޑުވެފައި މިވަނީ ކަރަންޓު ލޯޑު ނުހިފަހައްޓާތީ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މީޑިއާއަކަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލް ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކައާ އެކި ފަހަރު މަތިން މަޝްވަރާތައް ކުރެވި ފެނަކައިން އެދުނު ހުރިހާ ކަމެއް ކައުންސިލުން ވާނީ ފޯރުކޮށްދީފައި ކަމަށެވެ. އެގޮތުން ޓްރާންސްފޯމަރުތަކެއް ބަހައްޓާނެ ބިމެއް ހަމަޖައްސައިދޭން އެދުމުން އެކަންވެސް ހަމަޖައްސައިދިން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ކަރަންޓު ކެނޑޭ މައްސަލައިގައި އެ ރަށުގެ ބައެއް ގެތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނަށްވެސް ވަނީ ގެއްލުންވެފަ އެވެ.










