
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، އަފީފު އައްޔަނުކުރައްވާފައިވަނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އަފީފަކީ މީގެ ކުރިން ވެސް ފެނަކައިގެ ޗެއާމަންކަން ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ އިތުރުން ސްޓެލްކޯ އާއި އެމްޓީސީސީގެ ޗެއާމަންކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޖާހު މި މަހުގެ ހަވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ނަޖާހު މަގާމުން ވަކިކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިންކަމަށް ބުނެފައިވެއެވެ.
މުޙައްމަދު އަފީފަކީ މި ސަރުކާރުން ފެނަކަ ހިންގުމަށް އައްޔަނުކުރި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ. އެންމެ ފުރަތަމަ އެ މަގާމަށް އައްޔަނުކުރެއްވި މުހައްމަދު މުއާޒް ރަޝީދު ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ނަޖާހު އެ މަގާމަށް އައްޔަނުކުރެއްވީ 23 ޑިސެމްބަރު 2024 ގައެވެ.




