April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީންގެ ބްލޮކޭޑަށް ގޮންޖަހައި ޣައްޒާއަށް އެހީގެ ފްލޮޓިލާއެއް ދަތުރު ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 26, 2026, 06:34 PM
މާލެ ސިޓީ

ޣައްޒާގެ އިންސާނީ ހާލަތު އިންތިހާއަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، ސަހްޔޫނީން އަޅާފައިވާ ޣައިރު ގާނޫނީ ހިސާރު ނުވަތަ ބްލޮކޭޑް މުގުރާލުމަށްފަހު އެހީ ފޯރުކޮށްދިނުމަށް "ފްރީޑަމް ފްލޮޓިލާ ކޯލިޝަން" ގެ އުޅަނދުތައް އިޓަލީން ފުރައިފިއެވެ.

Advertisement

މި ދަތުރުގައި ދިހަވަރަކަށް ބޯޓު ބައިވެރިވާއިރު، މީގެ މައިގަނޑު މަގުސަދަކީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހުގެ އެހީ ސީދާ ޣައްޒާއަށް ފޯރުކޮށްދިނުމެވެ. އިޓަލީގެ ދެކުނު ކެލަބްރިއާ އައްސޭރީގައި އޮންނަ ސެޓްރާރޯ ބަނދަރުން ފުރި މި އުޅަނދުތަކުގައި "ޑްރޮޕް ސައިޓް ނިއުސް" ގެ ކޮންޓްރިބިއުޓަރު ނޯއާ އަވިޝަގް ޝްނަލް ވެސް ބައިވެރިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ފްލީޓް ރަސްމީކޮށް ޣައްޒާއާ ދިމާއަށް މިސްރާބު ޖެހުމުގެ ކުރިން، ބޭނުންވާ ތަމްރީނުތައް ފުރިހަމަކުރުމަށް ސިސިލީގެ ސިރަކުސާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފްލޮޓިލާއަކީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ބާސެލޯނާ އިން ފުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އުޅަނދުތަކާ ގުޅިގެން، އެއް އަމާޒެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ފްރީޑަމް ފްލޮޓިލާ ކޯލިޝަނަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެކްޓިވިސްޓުން ގުޅިގެން ޣައްޒާގެ ހިސާރު އުވާލުމަށް މަސައްކަތްކުރާ ޖަމާއަތެކެވެ. މީގެ ކުރިން 2010 ވަނަ އަހަރު ވެސް މިފަދަ ބޮޑު ފްލޮޓިލާއެއް ޣައްޒާއަށް ދިއުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު ބައިވެރިވި އުޅަނދުތަކަށް ސަހްޔޫނީން ސިފައިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހަމަލާދީ، ތުރުކީގެ 10 އެކްޓިވިސްޓުން ޝަހީދުކޮށްލާފައިވެއެވެ.

އިސްރާއީލުން ޣައްޒާގެ ބޯޑަރުތައް ބަންދުކޮށް، އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅަމުންދާ މި ދަނޑިވަޅުގައި، މި ފްލޮޓިލާގެ ދަތުރަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved