
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު" ފްލޮޓިލާގައި ހިމެނޭ އެކްޓިވިސްޓުން ރަހީނުކޮށް، އެމީހުންނަށް އަނިޔާކުރި މައްސަލައިގައި އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމަށް މެލޭޝިއާ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މެލޭޝިއާގެ ސެލަންގޯ ސްޓޭޓްގެ ޗީފް މިނިސްޓަރު އަމީރުއްދީން ޝާރީއާ ހަވާލާދީ "މެލޭ މެއިލް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގާނޫނީ ވަކީލުން މިހާރު ދަނީ މިކަމާ ގުޅޭ މައުލޫމާތާއި ހެކިތައް އެއްކުރަމުންނެވެ. މި މަސައްކަތް ނިމުނުހާ އަވަހަކަށް ރަސްމީކޮށް އައިސީޖޭއަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ 400 އަށްވުރެ ގިނަ އެކްޓިވިސްޓުންނާއެކު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި މި ފްލޮޓިލާއަށް އިސްރާއީލު ސިފައިން ހަމަލާދީފައިވަނީ މިދިޔަ ހަފުތާގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުންނެވެ. މި ހަމަލާއަށްފަހު އުޅަނދުގައި ތިބި މީހުން ހައްޔަރުކޮށް، އެކި ފަހަރުމަތިން އެމީހުން ރަހީނުކޮށް އަނިޔާކޮށްފައިވާ ކަމަށް މެލޭޝިއާއިން ތުހުމަތުކުރެއެވެ.
ކުއާލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި "ގްލޯބަލް ސުމޫދު ފްލޮޓިލާ 2.0" ގެ ބައިވެރިން އެނބުރި އައުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީރުއްދީން ވިދާޅުވީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާފައިވާ މި އަމަލުތަކާ މެދު މެލޭޝިއާ އޮތީ ހަނު ހުންނަ ގޮތަކަށް ނޫން ކަމަށެވެ. ގާނޫނީ ފިޔަވަޅުގެ އިތުރުން ޑިޕްލޮމެޓިކް ގޮތުންވެސް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ކޮންފަރެންސްތައް މެލޭޝިއާގައި ބޭއްވުމަށް ރާވަމުންދާކަންވެސް އޭނާ ހާމަކުރެއްވިއެވެ. އަމީރުއްދީން ވިދާޅުވީ ޣައްޒާގެ ބަންދު އުވާލަންދެން "ސުމޫދު 3.0" ގެ ނަމުގައި މި ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.









