އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހުއްޓިފައިވާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އާދީއްތަ ދުވަހުގެ މެންދުރު ފަހު އަލުން ފަށާނެ ކަމަށް ބެލެވެއެވެ.
މި މަޝްވަރާތަކަކީ މާޗް 10 ގައި މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުނު ފަހުން އިސްރާއީލުގެ އޮފިޝަލުންނާއި ހަމާސްގެ ލީޑަރުންނާ ދެމެދު ނުސީދާ ގޮތެއްގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްވަރާތަކެވެ.
ގަތަރުގެ ދޯހާގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްވަރާތަކުގެ ކުރިން ބުރާސްފަތި ދުވަހު ހަމާސް އިން އާ ޑިމާންޑްތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލުމާއި ދާއިމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހުށަހަޅާފައިވެއެވެ. ބަދަލުގައި ހަމާސްއިން އިސްރާއީލުގެ ރަހީނުން ދޫކޮށްލަން ފަށާނެ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ބަލިމީހުންނާއި މުސްކުޅިންގެ އިތުރުން އިސްރާއީލުގެ އަންހެން ސިފައިން ހިމެނެ އެވެ. ދެވަނަ ފިޔަވަހީގައި ހަމާސްއިން ބާކީ ތިބި އިސްރާއީލުގެ ރަހީނުންނާއި ސިފައިން ދޫކޮށްލާނެ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމަވެރި ޖަމާއަތުގެ އެންމެ ފަހުގެ ޑިމާންޑްތަކަކީ "މުޑުދާރު ޑިމާންޑްތަކެއް" ކަމަށް ވިދާޅުވެފައި ނަމަވެސް ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގަތަރަށް މުއާމަލާތްކުރާ ޓީމެއް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި އާދީއްތަ ދުވަހުގެ މެންދުރު ނުވަތަ ހޯމަ ދުވަހު މަޝްވަރާތައް އަލުން ފެށިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލުގެ ބޮންއެޅުން ތަކުން ފަލަސްތީނުގެ 1.3 މިލިއަނަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދާފައިވާ މިސްރުގެ ބޯޑަރުގައި އޮންނަ ރަފާ ސިޓީއަށް ހަމަލާ ދޭން ނަތަންޔާހޫ ދަނީ ޕްރެޝަރު ކުރަމުންނެވެ.
އިޒްރޭލުގެ އެކުވެރިންނާއި ފާޑުކިޔުންތެރިން ވަނީ އާންމުންނަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރަށް ނަތަންޔާހޫއަށް އެ ސިޓީއަށް އަރައިގަތުމާ ދެކޮޅަށް އިންޒާރު ދީފަ އެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 31،645 މީހުން ޝަހީދުވެ 73،676 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އަދި ޣައްޒާގެ އުތުރުގައި އުމުރުން ދެ އަހަރުން ދަށުގެ ކޮންމެ ތިން ކުއްޖަކުން އެކަކަށް މިހާރު ވަރަށް ބޮޑަށް ކާނާ ލިބުން ދަތިވެފައިވާ ކަމަށާއި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމުގެ އިންޒާރު ވެސް އދ. އިން ދީފައިވެއެވެ.