
ހަކުރު ބަލި ތަހައްމަލު ކުރަމުްނދާ ބަލީމީހުންގެ ހަކުރު ލެލެް ކުރަން ޖަހާ އިންސިއުލިން މާލެއިން ހުސްވެ ބަލި މީހުންނާ ބަލަދުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މާލޭގެ ބޭސްފިހާރަތަކުން އިންސިއުލިން ޕެން ހުސްވެ، މުޅި މާލޭގައި "ދުއްވަން ޖެހި އެކަމުގެ ކަންބޮޑުވުން އާންމުން ދަނީ ސޯޝަލް މީޑީޔާގައި ފާޅުކުރަމުންނެވެ. އެގޮތުން އެންމެ އާންމުކޮށް ހަކުރު ބަލީގެ މީހުން ބޭނުން ކުރާ، "ނޯވޯފައިން"ގެ އިންސިއުލިން ވަނީ އެއްކޮށް މާލެއިން ހުސްވެފައިކަމަށް އާންމުން ދަނީ ހާމަކުރަމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮންމެ ދިހަ މީހަކުން އެކަކަކީ ހަކުރުބަލި ތަހައްމަލުކުރަމުންދާ މީހުން ކަމަށްވާއިރު އެ ބަލި މީހުންގެ ފުރާނަ ރައްކާތެރިކުރުމަށް ބޭނުންވާ މިހާ މުހިއްމު އިންޖެކްޝަނެއް ނުލިބި ހުސްވިކަން މިނިސްޓްރީގެ ސަމާލު ކަމަސް އައިސްވޭތޯއާ އަދި ސަބަބު އޮޅުން ފިލުވާލަން މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރއަށް މެސެޖު ކޮށްލުމުން ޚަބަރު ޝާއިއުކުރުމާ ހަމައަށް ވެސް ޖަވާބެއް ލިބިފައިނުވެއެވެ.
ދާއިމީ ބައްޔަކަށް ބޭނުންވާ މުހިއްމު އިންޖެކްޝަނެއް ނުލިބި ބަލި މީހުންނާ ބަދަލުވެރިންވެސް ކަންބޮޑުވުމެއްގެ ތެރޭގައި ތިބިއިރު، ރާއްޖެއަށް ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އާސަންދަ ކުންފުނީގެ އެމްޑީ އައިމިނަތު ޒީނިޔާ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީތަކާ ބެހޭ ކޮމިޓީގައި ވިދާޅުވެފައިވެއެވެ.
އެގޮތުން އާސަންދައިން ބޭސް ދޫކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓަށް ކަމަށްވީ ނަމަވެސް، ބޭސްފިހާރަ ރަޖިސްޓްރީކުރާއިރު އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ހުރޭތޯ ރަނގަޅަށް ނުބެލޭކަމަށް ވެސް ޒީނިޔާގެ ވާހަކައިގައި ފާހަކުރައްވާފައިވެއެވެ.




