May 8, 2026
Advertisement
/
/ / ސޯޝަލް މީޑިއާ

ބައިނަލްއަގްވާމީ ޖަމިއްޔާތަކުން މުއިއްޒަށް ފޮނުވި ސިޓީ: އިދިކޮޅު ޕީއެންްއެފް އިން ކުރާ މުޒާހަރާ ޗެނެލް 13 އިން ލައިވްކުރުން ހުއްޓާލުން ކުށްވެރިކޮށްފި

Yana Shareef
ޔާނާ ޝަރީފް
May 8, 2026, 05:45 PM

އިދިކޮޅު ޕީއެންްއެފް އިން ކުރާ މުޒާހަރާ ޗެނެލް 13 އިން ލައިވްކުރުން ހުއްޓާލުން ކުށްވެރިކޮށް  ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަސް ޖަމިއްޔާއަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ދެ ޖަމިއްޔާއަކުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުވައިފިއެވެ.

Advertisement

އެ ސިޓީގައި ވަނީ ޗެނެލް 13 ގެ ލައިވް ބްރޯޑްކާސްޓިން ހުއްޓައިލުމަށް މިދިޔަ މަހުގެ ފަހުކޮޅު ކޮންޓްރޯލް ކޮމިޝަނުން އެންގި އެންގުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސިޔާސީ ގޮތުން ދެކެވޭ ވާހަކަތައް ވަގުތުން ސެންސަރުކުރުމަށްޓަކައި، ބްރޯޑްކާސްޓްކުރުމުގައި ހުރަސްތައް އެޅުމާއި، "ބްރޯޑްކާސްޓް ސޭފްޓީ" ފަދަ ފަންނީ ބަހަނާތައް (މިސާލަކަށް 60 ސިކުންތުގެ ޑިލޭއެއް ބޭނުންކުރުން) އިތުރުވަމުންދާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ސިޓީގައި އިތުރަށް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ހިންގަމުންދާ އަމަލުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކާއި ޕީއެންއެފްގެ ޖަލްސާތައް ވަގުތުން ދެއްކުން ޗެނަލް 13 އަށް އެމްއެމްބީސީން ހުއްޓުވާފައިވާއިރު، މިއީ ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވާލުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ޚާއްސަކޮށް 2025 ވަނަ އަހަރު މީޑިއާ ބެލެހެއްޓުމުގެ ހުރިހާ ބާރެއް އެއް މުއައްސަސާއެއްގެ ދަށަށް ޖަމާކުރުމާ އެކު، އަމިއްލައަށް އިސްނަގައިގެން ހިންގާ ތަހުގީގުތައް މެދުވެރިކޮށް ނޫސްވެރިންނަށް ބިރުދެއްކުމާއި، ދަތުރުފަތުރު ކުރުން މަނާކުރުމާއި، އަދި ޖިނާއީ ގާނޫނު ބޭނުންކޮށްގެން ފިޔަވަޅު އެޅުން ފަދަ ކަންކަން އިތުރުވަމުންދާކަން ފާހަގަވެފައިވާކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގު ހަނިވެ، ނޫސްވެރިކަމުގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި  ފުލުހުން ހިފަހައްޓާފައިވާ އަދަދު ނޫހުގެ ހުރިހާ އިލެކްޓްރޯނިކް ސާމާނު ދޫކޮށްލުމަށާއި އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދު ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލު ކުރުމަށްވެސް ސިޓީގައި ގޮވާލާފައިވެއެވެ.

އެ ސިޓީގައި ސޮއިކޮށްފައި ވަނީ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖީ) އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އާއި ސިވިކަސް: ވޯލްޑް އެލަޔަންސް ފޯ ސިޓިޒެން ޕާޓްނަޝިޕް އަދި، އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) ގެ އިތުރުން ފޯރަމް އޭޝިއާ އިންނެވެ. މީގެ އިތުރުން، އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗް އާއި ރޮބާޓް އެންޑް އީތެލް ކެނެޑީ ހިއުމަން ރައިޓްސް ސެންޓާވެސް ސޮއިކުރި ޖަމްއިއްޔާތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved