
ރައީސް ޑރ މުހައްމަދު މުއިއްޒަކީ އަމާނާތް ނަގާލުމުގެ ގައުމީ ރަމްޒެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ މި ހަފްތާގެ ހުކުރު ޚުޠުބާއަށް އަލި އަޅުވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ މި ހަފްތާގެ ހުކުރު ޚުޠުބާގައި އަމާނާތް އަދާ ކުރުމާއި އަދި އަމާނާތަށް ޚިޔާނާތްތެރިވުމުގެ ނުބައި ކަމަށް އަލި އަޅުވާފައިވަނީ ވަރަށް ފުރިހަމައަށް ކަން ފާހަގަކުރައްވާފައެވެ. ޚުތުބާ އަޑުއެހުމުން ކޮންމެ ސަބަބުވެރި ދިވެއްސަކުވެސް ރައީސް މުއިއްޒުގެ އަމަލުތަކާ ވާހަކަތައް މަތިން ހަނދާންވާނެ. ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ ޚުތުބާގައި ރަސޫލާﷺގެ ޙަދީޘްފުޅުން ނިފާގުކަމުގެ އަލާމާތުގެ ގޮތުގައި ވާހަކައެއް ދައްކާފިނަމަ ދޮގުހެދުމާ އަމާނާތެއް ޙަވާލުކޮށްފިނަމަ ޚިޔާނާތްތެރިވުން ހިމެނޭކަން ފާހަގަކޮށް، އަމާނާތަކީ ޒިންމާތަކާ މަސްއޫލިއްޔަތު ހިމެނޭ ގޮތަށް ފުޅާ މާނައެއްގައި އޮތް ކަމެއްކަމާއި، އަމާނާތްތެރިކަމެއް ނެތް މީހެއްގެ އީމާންކަމެއްނެތްކަން ވެސް ވަރަށް ރަގަޅަށް ބަޔާންކުރައްވާފައި ކަމަށެވެ.
ރަސޫލާﷺގެ ހަދީޘްއިން އެނގިފައިވާ ފަދައިން ވަޢުދު ނުފުއްދާމީހެއްގެ ދީނެއް ނެތްކަން ޚުތުބާއިން އެނގެން އޮތްއިރު، ރައީސް މުއިއްޒު ހުސްގޮނޑި ވިއްކާ ވެރިކަން ލިބުމުން ރައީސް އަބްދުﷲ ޔާމީނުގެ އެ އަމާނާތަށް ޚިޔާނާތްވި ގޮތް ވަރަށް ރަގަޅަށް ތަސައްވުރަށް އަންނަ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ޚުތުބާ ވިޔަސް އަދި ދަރުސެއް ވިޔަސް ފައިދާކުރާނީ އިމާންތެރި ހިތަކަށްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ރައީސް މުއިއްޒުގެ އަމަލުފުޅުތަކަށާ އެމަނިކުފާނުގެ ސީރަތަށްވެސް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރައީސް މުއިއްޒަކީ މިގައުމުގެ ތާރީޚުގައި ވެރިޔަކު ނުދައްކާފަދަ ނުލަފައިކަން ދައްކާ ބޭފުއް ކަމަށް ވިދާޅުވެ ޑރ ޖަމީލު ރައީސް މުއިއްޒަކީ އަމާނާތް ނަގާލުމުގެ ގައުމީ ރަމްޒެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ. އަދި ރައީސް މުއިއްޒަކީ ޚިޔާނާތްތެރިވެ ހުތުރު ސީރަތެއް ގާއިމްކުރި ބޭފުޅެއް ކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.










