
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިން، ރައީސް މުހައްމަދު މުއިއްޒުއާ ގުޅުންހުރި މައްސަަލައެއްގައި ނެރުނު ބަޔާނެއް ޑިލީޓުކުރުމުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުވިދާޅުވުން އަމާޒުކޮށްފިއެވެ.
މަލީހުގެ ކަންބޮޑުވުން ފާޅުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހައުސިން މިނިސްޓަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން 2021 ވަނަ އަހަރު އޭސީސީއަށް ހާޒިރުކުރީ ސިޔާސީ ގޮތުން ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ އެ ވާހަކަތަކަށް ރައްދުދީ އޭސީސީއިން މާޗު 24، 2021ގައި ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ރައީސް މުއިއްޒު ހާޒިރުކުރީ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އޭރު ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާ މެދު އޭސީސީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ވެސް ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މުއިއްޒު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމާއި އޭސީސީއަށް އެމަނިކުފާނު ހާޒިރުކުރިކަމުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރީ އެ ކޮމިޝަނުން ނޫންކަމަށްވެސް ބަޔާނުގައި ވެއެވެ.
އޭސީސީއިން ވަނީ މިހާރު އެ ބަޔާން ޑިލީޓުކޮށްފައިކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އެކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ދައުލަތުގެ ލިޔެކިޔުން އޮންނަ އުސޫލުން ބޭރުން ނައްތާލުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރުގައި އޭސީސީއިން އެ ހެދީ ބޮޑު ގޯހެއްކަމަށް ވިދާޅުވެ މަލީހު ވަނީ އެއީ ދޫކޮށްލެވިގެން ވާނެވަރު ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
އޭސީސީގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓުވެސް ކުރިކަމަށްވާ އެ ބާޔަން ޑިލީޓުކުރި ނަމަވެސް އިންޓަނެޓުގައި ހުންނަ މައުލޫމާތު އާކައިވްކުރާ ވޭބެކްމެޝިން ގައި އެ ބަޔާން ސޭވް ވެފައިވެއެވެ.










