May 9, 2026
Advertisement
.
.

ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި ދެކުނު ކޮރެއާގެ ބޯޓެއްގައި ރޯވި ހާދިސާ ތަހުގީގު ކުރަނީ

Yana Shareef
ޔާނާ ޝަރީފް
May 8, 2026, 11:50 PM

ދެކުނު ކޮރެއާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ މުދާ އުފުލާ ބޯޓެއްގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން ހޮރްމޫޒް ކަނޑުއޮޅީގައި އޮއްވާ އެއްޗެއް ގޮވައި ރޯވި ހާދިސާ އެ ގައުމުގެ ސަރުކާރުން ތަހުގީގު ކުރަން ފަށައިފިއެވެ.

Advertisement

ދެކުނު ކޮރެއާގެ އޯޝަންސް މިނިސްޓްރީން ބުނީ، މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި ބޯޓުގެ އިންޖީނު ރޫމުގައި އެއްޗެއް ގޮވައި ރޯވާން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބި 24 ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާގެ ހަ ރައްޔިތުންވެސް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މިއީ އީރާނުން އެ ބޯޓަށް ދިން ހަމަލާއެއް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެމެރިކާއިން އިސްވެ ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް ދެކުނު ކޮރެއާއަށް ޓްރަމްޕް ވަނީ ގޮވާލާފައެވެ. ނަމަވެސް، ދެކުނު ކޮރެއާ ސަރުކާރުން އަދި އެ ގޮވާލުމަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

އީރާނުން އެ ތުހުމަތުތައް ވަނީ ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. ދެކުނު ކޮރެއާގައި ހުންނަ އީރާނުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ އަސްކަރިއްޔާއިން ބޯޓަށް ހަމަލާދިން ކަމަށް ދެކެވޭ ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަން ފުރިހަމައަށް ދޮގުކުރާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved