
އީރާނުގެ މަރުހޫމް ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނާއި އިރާގުގެ އެކި ސިޓީތަކުގައި ފަށައިފިއެވެ. ޖުލައި 3 އިން 9 އަށް ކުރިއަށްދާ މި ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތެހެރާން، ޤުމް، ނަޖާފް، ކަރުބަލާ އަދި މަޝްހާދު ފަދަ ދީނީ އަދި ސިޔާސީ ގޮތުން މުހިންމު ސިޓީތަކުގައެވެ.
އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ތެރޭގައެވެ. އޭނާ އަވަހާރަވިތާ މަސްތަކެއް ފަހުން ޖަނާޒާގެ ކަންކަން ކުރިއަށް މިގެންދަނީ، ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައާއި ސަލާމަތީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުންނެވެ.
އީރާނުގައިގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރެއްވި ލީޑަރުގެ ވަދާއީ ރަސްމިއްޔާތުތަކަށް އެތައް މިލިއަން ސަޕޯޓަރުންނެއް އެއްވާނެ ކަމަށް ބެލެވޭތީ، އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ މުޅި ގައުމުގެ ރައްކާތެރިކަން ވަރުގަދަކޮށްފައެވެ. އަދި ޖަނާޒާގެ މުއްދަތުގައި އެއްވެސް ހަމަލާއެއް ނުދިނުމަށް އީރާނުގެ ލީޑަރުން ވަނީ އެމެރިކާ އާއި އިސްރާއީލަށް އިންޒާރު ދީފައެވެ.
ޚާމަނާއީގެ ސަޕޯޓަރުން މި ޖަނާޒާ ސިފަކުރަނީ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދެއްކި ސާބިތުކަމާއި ޝަހީދުވުމުގެ ރަމްޒެއްގެ ގޮތުގައެވެ. އޭނާގެ އަވަހާރަވުމަކީ މެދުއިރުމަތީގެ މަސްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މިއީ އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައާއި ސުލްހައިގެ މަޝްވަރާތަކަށްވެސް އޭގެ އަސަރު ފޯރާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ހަފްތާއަކަށް ދެމިގެންދާ މި ރަސްމިއްޔާތުތަކަށްފަހު، ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހާދުގައެވެ.










