May 15, 2026
Advertisement
"އައިޝާ" ޑޮކިއުމަންޓްރީގެ ވާހަކަ ނުދެއްކުމަށް އެމްއެމްބީސީއިން މީޑިއާތަކުގެ މައްޗަށް "އަމުރު" ކޮށްފި
"އައިޝާ" ޑޮކިއުމަންޓްރީގެ ވާހަކަ ނުދެއްކުމަށް އެމްއެމްބީސީއިން މީޑިއާތަކުގެ މައްޗަށް "އަމުރު" ކޮށްފި / ސަން

"އައިޝާ" ޑޮކިއުމަންޓްރީގެ ވާހަކަ ނުދެއްކުމަށް އެމްއެމްބީސީއިން މީޑިއާތަކުގެ މައްޗަށް "އަމުރު" ކޮށްފި

May 11, 2026, 02:35 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓަރީ ދައުރުނުކުރުމަށާއި އެކަމާ ގުޅޭ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވާން މީޑިއާތަކަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މީޑިޔާތަކަށް އަމުރުކޮށްފިއެވެ.

Advertisement

"ކުރިމިނަލް ކޯޓުގެ ނަންބަރު: 528/Cr-C/2026 (10 މޭ 2026( ޤަޟިއްޔާއާ ގުޅިގެން ދަންނަވަމެވެ. ޤާނޫނު ނަންބަރު: 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގައި ބުނާ އެންމެހައި މީޑިއާތަކުން ކޮންޓެންޓް އާންމުކުރުމުގައި އިސްވެ ދެންނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިޞިއްޔަތުން އަންގަމެވެ." އެމްއެމްބީސީއިން 11 މެއި 2026 ގައި މީޑިއާތަކަށް ފޮނުވާފައިވާ "އަމުރު" ގައި ބަޔާންކޮށްފައިވެއެވެ.

އެމްއެމްބީސީގެ ސެކެރެޓަރީ ޖެނެރަލް ސޮއިކުރައްވައި މިފަދަ އެންގުމެއް މީޑިއާތަކަށް އަންގާފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، ކޮމިޝަނަށެވެ. މީޑިއާތަކަށް ފޮނުވި އެއްވެސް "އަމުރެއް" ނުވަތަ ލިޔުމެއްގައި، ކޮމިޝަނުގެ ނިންމުމެއް ހިމަނާފައި ނުވާކަން ފާހަގަކުރެވެއެވެ.

އެމްއެމްބީސީގެ "އަމުރު" ގައި ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވީނަމަވެސް، ޤަޟިއްޔާއެއްގެ ފާހަގަކުރާ ނުކުތާތައް ހިމެނެނީ، އެޤަޟިއްޔާގެ ޙުކުމުގައި ކަމާމެދު، ކޯޓު ޙުކުމެއް ވިދާޅުވެލައްވާފައިވާ އެއްވެސް ފަރާތަކަށް އޮޅުމެއް ނާރާނެއެވެ.

ކުރިމިނަލް ކޯޓުން ސިއްރުން ކުރިއަށް ގެންދާ އައިޝާގެ މައްސަލައިގައި އެއްވެސް ފަރާތަކަށް ނޭގޭ ގޮތަށް ޙުކުމެއް ކޮށްފައިވޭތޯ، މިނޫހުގެ ފަރާތުން މިދަނީ ކަށަވަރުކުރަމުންނެވެ. މިނޫހަށް އެމްއެމްބީސީއިން ފޮނުވާފައިވާ ލިޔުމުގެ ޞުރުޚީގެ ގޮތުގައި އޮތީ، "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" އެވެ. އަމުރަށް ވަކި ނަންބަރެއް ދީފައިވާކަން، އަމުރުން އެނގޭކަށް ނެތެވެ. ފަހަރުގައި އައިޝާގެ މައްސަލައިގައި ޝަރީޢަތް ސިއްރުކުރުމުގެ ތެރެއިން އަމުރުގެ ނަންބަރު، ކްރިމިނަލް ކޯޓުން ސިއްރުކޮށްފައިވަނީއެވެ.

ޝަރުޢީ އެކި އަމުރުތަކުގައި ނަންބަރެއް ދީފައިވަނީ، އެފަދަ އަމުރުތައް އިސްތިއުނާފުކުރުމަށް އަމުރުގެ ނަންބަރު މުހިންމުވާތީއެވެ. އެހެންކަމުން، މިއަމުރަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ދިވެހިރައްޔިތުންނަށް ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު، ގައިދުކުރެވިފައިވާ، އިސްތިއުނާފުކުރުމުގެ ޙައްޤު ނުލިބޭގޮތަށް ނެރެފައިވާ އަމުރެއްތޯއާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް ބަސް ނުބުނެވޭ ގޮތަށް، ހައިކޯޓާއި، ސުޕްރީމް ކޯޓުންވެސް ޢަމަލުކުރަން ލާޒިމުވާފަދަ އަމުރެއް ކަމާމެދު ޤާނޫނީ ވަކީލުން ދަނީ ބަހުޘްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved