May 3, 2026
Advertisement
ޕްރެސް ފްރީޑަމް ދުވަހު، އެމްޖޭއޭގެ 9 ޑިމާންޑެއް ސަރުކަރަށް!
ޕްރެސް ފްރީޑަމް ދުވަހު، އެމްޖޭއޭގެ 9 ޑިމާންޑެއް ސަރުކަރަށް! / ސޯޝަލް މީޑިއާ

ޕްރެސް ފްރީޑަމް ދުވަހު، އެމްޖޭއޭގެ 9 ޑިމާންޑެއް ސަރުކާރަށް!

May 3, 2026, 05:46 PM
މާލެ ސިޓީ

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނުވަ ޑިމާންޑެއް ސަރުކާރަށް ހުށަހަޅައިފިއެވެ.

Advertisement

އެ ޖަމްއިއްޔާއިން މިފަދަ ޑިމާންޑްތަކެއް ކޮށްފައިވަނީ، އެމްޖޭއޭއިން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވަނީ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ބޮޑުތަނުން ފަހަތަށް ސޮއްސާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ނޫސްވެރިންނަށް ބިރުދެއްކުމާއި ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާ މެދު އެ ޖަމްއިއްޔާއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ނޫސްވެރިންނަށް ބިރުދެއްކުމާއި ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާ އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫސްވެރިން ކުރާ މަސައްކަތްތައް ހުއްޓުވައި ބިރުދެއްކުމަށް ހިންގާ އަމަލުތަކެއް ކަމުގައި މި ޖަމްއިއްޔާއިން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ

އެމްޖޭއޭގެ ޑިމާންޑްތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ:

1-ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ވުޖޫދުކުރި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު' އުވާލައި މީޑިއާ ކޮމިއުނިޓީއާ އެކު މަޝްވަރާކޮށްގެން 'ސެލްފް ރެގިއުލޭޓަރީ' މެކޭނިޒަމެއް ގާއިމުކުރުމުގެ މަސައްކަތް ވަގުތުން ފެށުން

2-"އަދަދު" ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ކުރާ ޖިނާއީ ތުހުމަތުތަކާއި ތަހުގީގުތައް ހުއްޓާލައި ފުލުހުން އެ އިދާރާ ބަލާފާސްކޮށް ގެންދިޔަ ތަކެތި ޝަރުތެއް ނެތި އަނބުރާ ހަވާލު ކުރުމަށް

3-"އަދަދު" ނޫހުގެ އެޑިޓަރުންގެ ފުރުން މަނާ ކުރުމުގެ އަމުރު އުވާލުމަށް

4-ނޫސްވެރިންނާއި މީޑިއާތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތައް ނުކުރުން

5-ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަނިޔާވެރިކޮށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި 'މަރާލާފައިވާ މީހުންނާއި ގެއްލުއްވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން' އެކުލަވާލާފައިވާ ރިޕޯޓުތައް އާންމުކޮށް، ހުޅުވާލެވިގެން މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުން

6-ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ދޭ އިންޒާރުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން އަދި ނޫސްވެރިކަން ރައްކާތެރިކަން ކަވަރުކުރަން ހަރުދަނާ ގައުމީ ނިޒާމެއް ގާއިމުކުރުން. އަދި މުޒާހަރާތައް ފަދަ ހާލަބޮލި ހާލަތްތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ލިބޭނޭކަން ކަށަވަރުކުރަން ވަގުތުން ފިޔަވަޅު އެޅުން

7-މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ހުރި ހުރަސްތައް ނައްތާލުން8-ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ހުރި މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އިސްލާހުކުރުން

9-މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް މިނިވަންކަމާއި އިންސާފުވެރިކަމާ އަދި ދެ ފުށް ފެންނަ ގޮތެއްގައި ދެވޭނޭކަން ކަށަވަރުކުރުން. އަދި އެކަމަށްޓަކައި ނޫސްވެރިންނާއި އެޑިޓަރުންނާއި ނޫސް އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް އަދި ބައިނައަގުވާމީ ފަރާތްތަކާ އެކު މަޝްވަރާކޮށް އެފަދަ ނިޒާމެއް އެކުލަވާލުން އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved