May 12, 2026
Advertisement
-
- / ރައީސް އޮފީސް

ފުރާ މީހުންނަށް ދޭން ބުނި ޑޮލަރު ނުދީ ރައީސް އެކަން ޖާމިނުކުރީ ހަނގުރާމައާއި

Aiminath Sarah
އައިމިނަތް ސާރާ
May 11, 2026, 05:32 PM
މާލެ ސިޓީ

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް އެއާޕޯޓުން ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދައިނުދެވުނީ، މެދުއިރުމަތީގައި ހަނގުރާމައެއް ފަށާނެކަން ކުރިން އެނގިވަޑައިނުގަތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރަމުން އަންނަނީ 500 ޑޮލަރެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު 1,000 ޑޮލަރަށް ބޮޑުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ކްރެޑިޓް ކާޑުގެ ލިމިޓުތައް 1,400 ޑޮލަރަށް ބޮޑުކުރާނެ ކަމަށްވެސް އެ ބަޔާނުގައި އޮތެވެ.

ވައުދުވި ތާރީޚު ފާއިތުވެގެންދާއިރުވެސް އެކަން ތަންފީޒު ނުކުރެވޭތީ އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، "2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވިއިރަކު ނޭނގޭ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި މެދުއިރުމަތީގައި ހަނގުރާމައެއް ފެށޭނެކަމެއް. އެއީ ވީގޮތަކީ،" ކަމަށެވެ. މިއާއެކު، ސަރުކާރުން ވެފައިވާ މުހިންމު ވައުދެއް ނުފުއްދި ލަސްވުމުގެ ޒިންމާ ރައީސް މިވަނީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ބޮލުގައި އަޅުވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ހާލަތަށް ރިއާޔަތްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިހާރު ހިސާބުތައް ބަލަމުންދާ ކަމަށެވެ. އަދި ޑޮލަރު ދޫކުރާ އަދަދު ބޮޑުކޮށްދޭން ހުއްދަ ދެވޭނީ ކޮން އިރަކުންތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަންކަން ނުވުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާއިރު، ރައީސްގެ މި ޖަވާބުން ދޭހަވަނީ އިގްތިސާދީ މިފަދަ ބޮޑެތި ނިންމުންތައް ނިންމެވިއިރު ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތް ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved