May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ ފައްޅިތަކަށް ވަނުމަށް 'ކުޑަކަމުދާ ތަކެތި' ބޭނުންކުރުން މަޖުބޫރުކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
May 15, 2026, 02:26 PM
މާލެ ސިޓީ

އިންޑިއާގެ އުއްތަރަކަންދު ސްޓޭޓުގައި ކުރިއަށްދާ މަޝްހޫރު ޗާ ދަމް ޔާޓްރާ ދަތުރާ ގުޅިގެން، ގަންގޯޓްރީ ފައްޅިއަށް ވަންނަ މީހުންނަށް އާދަޔާ ހިލާފު ޝަރުތުތަކެއް ކުރިމަތިކުރުވުމުން ބޮޑު މައްސަލައެއް އުފެދިއްޖެއެވެ. ފައްޅީގެ ވެރިން މިހާރު ވަނީ ފައްޅިއަށް ވަނުމުގެ ކުރިން "ޕަންޗްގަވްޔާ" ނަމަކަށް ކިޔާ، ގާ ކުޑަކަމުދާ ތަކެއްޗާއި ގާ ކުނި ހިމެނޭ މިކްސްޗަރެއް ބޭނުންކުރުން މަޖުބޫރުކޮށްފައެވެ.

Advertisement

ހިންދޫދީނުގެ އެންމެ މާތް އެއް ހަރަކާތް ކަމަށްވާ ޗާ ދަމް ޔާޓްރާގައި ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބަޔަކު ހިމާލަޔާގެ މުގައްދަސް ބިނާތަކަށް ޒިޔާރަތްކުރެއެވެ. ނަމަވެސް، މިއަހަރުގެ ދަތުރުތައް ސިޔާސީވެ، މަސްލަހަތު ގޯސްވެފައިވަނީ ފައްޅިތަކުގެ "މުގައްދަސްކަން" ހިމާޔަތްކުރުމުގެ ނަމުގައި ތައާރަފްކުރި މި އުސޫލުތަކުގެ ސަބަބުންނެވެ.

ގަންގޯޓްރީ ފައްޅި ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި، ފައްޅިއަށް ވަނުމުގެ ކުރިން ގެރި ކުޑަކަމުދާ ތަކެތި، ގާ ކުނި، ކިރު، ކަދުރު އަދި ގީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކެއުމަށް އަންގާނެއެވެ. ކޮމިޓީގެ އޮފިޝަލުން ބުނާ ގޮތުގައި މި ފިޔަވަޅަކީ "ޣައިރު މުއުމިނުން ވީޑް އައުޓް" ކުރުމަށާއި، ހަމައެކަނި ހަގީގީ އީމާންތެރިކަން ހުރި މީހުންނަށް ފުރުސަތު ދިނުމަށް އަޅާ ފިޔަވަޅެކެވެ.

މީގެ އިތުރުން، ބަދުރީނާތު-ކެދަރްނާތު ފައްޅި ކޮމިޓީން ވެސް ވަނީ އެ ސަރަހައްދުގެ ދިހަވަރަކަށް ފައްޅިއަށް ހިންދޫން ނޫން މީހުން ވަނުން ހަނިކުރުމަށް ހުށަހަޅާފައެވެ. މިއާއެކު އިންޑިއާގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ވަކި ދީނަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށްގެން ހިންގާ ތަފާތުކުރުމުގެ އަމަލެކެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ރޫހާނީ ދަތުރެއް ސިޔާސީ ހަތިޔާރަކަށް ބަދަލުކޮށްފައިވަނީ އެ ސަރަހައްދުގައި ހިންދޫ ގައުމިއްޔަތުގެ ނުފޫޒު ގަދަވަމުންދާތީއެވެ. މިއީ ތާރީހީ ގޮތުން ހުރިހާ އެންމެންނަށް މަރުހަބާ ކިޔާފައިވާ ސަގާފަތަކާ ހިލާފު ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި މައްސަލައިގެ ސަބަބުން އުއްތަރަކަންދުގައި ދީނީ އައިޑެންޓިޓީ ބޭނުންކޮށްގެން ވެރިކަން ހިންގުމާ މެދު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ތަހުލީލުކުރާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، މިފަދަ ދީނީ ފުލުހުންގެ އަމަލުތަކުގެ ސަބަބުން އިންޑިއާގެ އެކި ދީންތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ، ބޮޑެތި ހަމަނުޖެހުންތަކަކަށް މަގުފަހިވެދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved