April 17, 2026
Advertisement
ޔުނައިޓެޑް އެއާލައިންސްގެ ސީއީއޯ ސްޓީވް ކިރްބީ
ޔުނައިޓެޑް އެއާލައިންސްގެ ސީއީއޯ ސްޓީވް ކިރްބީ / ރޮއިޓަރސް

ފްލައިޓްތަކަށް ދިމާވި ސިލްސިލާ ހާދިސާތަކަށްފަހު ޔުނައިޓެޑްގެ ސީއީއޯ ޑެމޭޖް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ

Azzama
އައްޒާމާ
Mar 19, 2024, 01:48 AM

ފާއިތުވި ހަފްތާތަކުގައި ފްލައިޓްތަކަށް ދިމާވި ސިލްސިލާ މައްސަލަތަކަށް ފަހު ޔުނައިޓެޑް އެއާލައިންސްގެ ސީއީއޯ ސްކޮޓް ކިރްބީ ހޯމަ ދުވަހު ވަނީ އެ އެއާލައިންސްގެ ސަލާމަތާ ބެހޭ ގޮތުން ކަސްޓަމަރުންނަށް ޔަގީންކަން ދިނުމަށް މަސައްކަތްކޮށްފައެވެ.

Advertisement

މި މަހު ހިނގި އެއް ހާދިސާއެއްގައި ޖަޕާނަށް ދަތުރުކުރި ބޮއިން 777 މަތިންދާބޯޓު އުދުއްސާލިތާ މާގިނައިރުތަކެއް ނުވެ ޓައިރު ވެއްޓި ސެން ފްރެންސިސްކޯ އެއާޕޯޓް ޕާކިން ޒޯނެއްގައި ކާރުތަކަށް ގެއްލުން ލިބިފައިވެ އެވެ. އަނެއް ހާދިސާގައި ބޯޓުގެ ޕެނަލެއް ނެތްކަން ފެނިފައި ވަނީ އުމުރުން ދުވަސްވީ ބޮއިންގް 737 ބޯޓު ހުކުރު ދުވަހު އޮރެގަންއަށް ޖެއްސުމުންނެވެ.

"ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ކަންތައް ކަމަށާއި އެއީ އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގެ އަމާޒު" ކަސްޓަމަރުންނަށް ފޮނުވި އީމެއިލްގައި ކިރްބީ ވިދާޅުވި އެވެ. "ހިތާމައަކީ ފާއިތުވި ހަފްތާތަކުގައި އަޅުގަނޑުމެންގެ އެއާލައިނަށް ގިނަ ހާދިސާތަކެއް ދިމާވެފައިވާތީ އެއީ ރައްކާތެރިކަމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަންތައްތަކެއް."

ކިރްބީ ވިދާޅުވީ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ތަހުގީގު ކުރަމުންދާ މި ހާދިސާތަކަކީ "ގުޅުމެއް ނެތް" ހާދިސާތަކެއް ކަމަށާއި ނަމަވެސް އެ ޓީމުން ތަފްސީލުތައް މުރާޖައާ ކުރަމުން އަންނަ ކަމަށާއި "އެ ވިސްނުންތައް ބޭނުންކޮށްގެން މުވައްޒަފުންގެ ހުރިހާ ގްރޫޕްތަކެއްގައި އަޅުގަނޑުމެންގެ ސަލާމަތީ ތަމްރީނާއި އުސޫލުތަކާ ބެހޭ ގޮތުން މައުލޫމާތު ދެމުން" ދާކަމަށެވެ.

ފަހަކަށް އައިސް ދިމާވި މި ހާދިސާތައް ހިނގާފައިވަނީ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އަލަސްކާ އެއާލައިންސްގެ ގާތްގަނޑަކަށް އާ ބޮއިންގް 737 މެކްސް 9 މަތިންދާބޯޓެއްގެ ދޮރު ޕްލަގް ޕެނަލެއް ނެއްޓުމާ ގުޅިގެން އޭވިއޭޝަން އިންޑަސްޓްރީގެ ބެލުމުގެ ދަށަށް ދިޔަ ވަގުތެއްގައެވެ.

މާޗް މަހުގެ 8 ވަނަ ދުވަހު ޔުނައިޓެޑް 737 މެކްސްގެ މަތިންދާބޯޓެއް ހިއުސްޓަންގެ ރަންވޭއަކުން ވެއްޓިފައިވެ އެވެ. މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހިއުސްޓަން އިން ފްލޮރިޑާއަށް ދިޔަ ޔުނައިޓެޑް ބޮއިންގް 737 މަތިންދާބޯޓެއްގެ އިންޖީނު ތެރެއަށް ޕްލާސްޓިކް ބަބުލް ރެޕް ވަނުމުން އެނބުރި އެއާޕޯޓަށް އައިސްފައިވާއިރު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އިންޖީނުން އަލިފާންގަނޑު ނިކުންނަތަން ފެނެއެވެ.

ޔުނައިޓެޑްގެ ސީއީއޯ ވިދާޅުވީ "މެއި މަހުން ފެށިގެން ހުރިހާ ޕައިލެޓުންނަށް އިތުރު ދުވަހެއްގެ އިން-ޕާސަން ޓްރެއިނިން އާއި އަޅުގަނޑުމެންގެ އަލަށް ވަޒީފާއަށް ނެގި މެއިންޓެނަންސް ޓެކްނީޝަނުންނަށް މަރުކަޒީ ތަމްރީނު މަންހަޖު" ފަދަ ބަދަލުތައް ގެނައުމަށް އެއާލައިނުން މިހާރު ވެސް ރާވާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved