May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

700 އަހަރުވީ މިސްކިތެއް އިންޑިއާ ސަރުކާރުން ފައްޅިއަކަށް ހަދައިފި

Aiminath Sarah
އައިމިނަތް ސާރާ
May 18, 2026, 11:39 AM
މާލެ ސިޓީ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަމްބާލް ސިޓީގައި ހުންނަ 700 އަހަރުވީ ތާރީޚީ ޝާހީ ޖާމިއާ މިސްކިތަކީ ހިންދޫ ފައްޅިއެއްގެ މައްޗަށް ބިނާކޮށްފައިވާ ތަނެއް ކަމަށް ބުނެ، އެތަން ފައްޅިއަކަށް އިންޑިއާ ސަރުކާރުން ބަދަލުކޮށްފިއެވެ.

Advertisement

މި މައްސަލަ ފެންމަތިވެފައިވަނީ ހިންދޫ ޖަމާއަތްތަކުން އެ މިސްކިތަކީ ކުރީގެ "ހަރީ ހަރް" ފައްޅި ހުރި ބިން ކަމަށް ދައުވާކޮށް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން ވަނީ އެ މިސްކިތް ސާވޭ ކުރުމަށް އަމުރުކޮށްފައެވެ. މި ސާވޭގެ މަސައްކަތް ކުރިއަށްދަނިކޮށް، އެ ސަރަހައްދުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ.

ސަމްބާލްގެ މުސްލިމް މުޖުތަމައުން ބުނާ ގޮތުގައި މި މިސްކިތަކީ މުގަލް ރަސްކަލުންގެ ޒަމާނުން ފެށިގެން މުސްލިމުން އަޅުކަން ކުރަމުން އަންނަ ތާރީޚީ ބިނާއެކެވެ. ނަމަވެސް، އިންޑިއާގެ ކޯޓުން ވަނީ އެތަނުގެ ތާރީޚީ ހަގީގަތް ހޯދުމަށް ކަމަށް ބުނެ ސާވޭ ޓީމުތައް އެތަނަށް ފޮނުވާފައެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން ވަނީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ. ސަރުކާރުން ވަނީ އެ ސަރަހައްދުގެ އިންޓަނެޓްގެ ޚިދުމަތްވެސް މެދުކަނޑާލާފައެވެ.

އިންޑިއާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މި އަމަލު ކުށްވެރިކުރަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިއީ އިންޑިއާގައި ހުރި އިސްލާމީ ތާރީޚީ ބިނާތައް ނައްތާލުމަށް ސަރުކާރުން ރާވައިގެން ހިންގާ ކަމެކެވެ.

މި މައްސަލައާ ގުޅިގެން ސަމްބާލް ސިޓީގައި އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved