May 26, 2026
Advertisement
-
-

އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު

Aiminath Sarah
އައިމިނަތް ސާރާ
May 26, 2026, 11:21 AM
މާލެ ސިޓީ

އިސްރާއީލާއެކު އޮންނަ ގުޅުން އާންމުކޮށް، Abraham Accords ގައި ޕާކިސްތާނުން ބައިވެރިވާންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަކީ ޕާކިސްތާނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އެ ގައުމުގެ ސާފު ސްޓޭންޑް ކަމަށެވެ.

Advertisement

ޚަވާޖާ އާސިފް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވަނީސް އިސްރާއީލާއެކު އެއްވެސް ކަހަލަ ސިޔާސީ ނުވަތަ އިގްތިސާދީ ގުޅުމެއް ބޭއްވުމަކީ ޕާކިސްތާނުގެ ސިޔާސަތާ މުޅިން ޚިލާފު ކަމެކެވެ.

 "މިއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަޅުގަނޑުމެންގެ ސާފު ސްޓޭންޑެއް އެބައޮތް މިކަމުގައި" މިނިސްޓަރު ވިދާޅުވިއެވެ.

އަރަބި ބައެއް ގައުމުތަކުން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ސޮއިކުރި Abraham Accords ގައި ބައިވެރިވުމަށް އެކި ފަރާތްތަކުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، ޕާކިސްތާނުން ދަނީ އެކަން ތަކުރާރުކޮށް ދޮގުކުރަމުންނެވެ. ޚަވާޖާ އާސިފް ވިދާޅުވީ ޕާކިސްތާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ގައުމުގެ ނިންމުންތައް ނިންމާނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަމަށެވެ.

މި ނިންމުމަކީ ފަލަސްތީނުގެ މައްސަލާގައި ޕާކިސްތާނުން ޒަމާނުއްސުރެ ގެންގުޅެމުންދާ ހަރުދަނާ އުސޫލުތަކަށް ބާރުދޭ ނިންމުމެކެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވަމުން، މިނިސްޓަރު ވިދާޅުވީ އިންސާފު ގާއިމުނުވަނީސް އެއްވެސް އެއްބަސްވުމެއްގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ޕާކިސްތާނުގެ ނެތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved