
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއަކީ އަބަދުވެސް ފައިސާގެ ފަހަތުން ދުވާ ބޭފުޅެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ރިޕޯޓުތަކަށް ބަލާއިރު ޝުޖާއުއާ މެދު މިހާރުވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ޝުޖާއުއަކީ "ޙިމާރެއް ގޮތަށް އަޑުގަދަކުރާ ޖާހިލެއް" ކަމަށް ވިދާޅުވެ، އޭނާގެ އުޅުމާއި އަޚްލާޤަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ ސަރުކާރު އޮތް ދުވަސްވަރުވެސް ޝުޖާއު އުޅުއްވީ އެ ސަރުކާރުގެ ވަޒީރުންނާ ގުޅިގެން ވިޔަފާރި ކުރަން ކަމަށާއި، ޕީޕީއެމްގެ ތެރޭގައި އުޅުއްވީވެސް ފައިސާކޮޅެއް ހޯއްދަވަން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. ޝުޖާއުއަކީ ޖާހިލިއްޔަ ޒަމާނުގައި އުފަންވި ބޭފުޅެއް ނަމަ އުޅުއްވާނީ އަބޫ ޖަހުލާއެކު ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޝުޖާއުއާ ދެމެދު އޮތް ގުޅުމަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ، ރައީސް މުޢިއްޒު އަރިހުގައި މިފަދަ ބޭފުޅުން ތިއްބެވުމަކީ އެ ބޭފުޅުންނަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މަގާމުގެ ހުވާކުރި ހަފުލާއިން ފެށިގެން ރައީސް މުޢިއްޒާއި ޝުޖާއު ގުޅިގެން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައި "ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ" ކަމަށް ވިދާޅުވެ ޖަމީލް ވަނީ ބަހުގެ ހަމަލާ އަމާޒުކޮށްފައެވެ.




