
1447 ވަނަ އަހަރުގެ ހައްޖު ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މުޅި ދިވެހި ރައްޔިތުންނަށް ފޮނުވި ބަލްކު މެސެޖާ އެކު، މިވަގަުތު ޖަލުގައި ބަންދުކޮށްފައި ހުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާނުގެ އަނބިމީހާ އައިމިނަތު ހަސަންގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ނަމުގައި ފޮނުވާފައިވާ ހައްޖު ދުވަހުގެ ޚާސް މެސެޖު ހިއްސާކޮށް އައިންތުވަނީ އޭނާގެ އެކްސްގައި ޕޯސްޓެއްކޮށްފައެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި ވަނީ، ހައްޖު ދުވަހުގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވާ، ބަރަކާތާ ދަރުމައިން ފުރިގެންވާ އީދެއް މިންވަރު ކުރެއްވުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
އެ މެސެުޖުގެ ސްކްރީން ޝޮޓެއް ހިއްސާކޮށް އައިންތުވަނީ، ސުވާލެއް ކޮށްގެން އޭނާގެ ފިރިމީހާ ނުހައްގުން ކުޑަގޮޅީގައި ބަހައްޓައިގެން، ޢީދު ތަހުނިޔާ ފޮނުއްވުމަކީ ލަދުވެތިކަމުގެ އިންތިހާ ކަމަށް ބުނެފައެވެ.
ހަމައެހެންމެ ހަގީގީ ވެރިންނަކީ ރައްޔިތުންގެ އަޑު ކަނޑުވާލާ ބައެއް ނޫން ކަމަށް ބުނެ އައިންތު ވަނީ ރައީސް މުއިއްޒުގެ އަމަލުތައް އިސްލާހުކުރައްވާ އޭނާގެ ފިރިމީހާ ޝަހުޒާން މިނިވަންކުރުމަށް ވެސް ގޮވާލާފައެވެ.
އައިންތުގެ އިތުރުން ޝަހްޒާންގެ ބައްޕަ ޝާޒުވެސް ވަނީ ހަމަ މި މެސެޖު ހިއްސާކޮށް ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ޝާޒު ވަނީ، އިޒްރާއިލުގެ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެ މެސެުޖު ކުރި ނަމަވެސް މާ ރަގަޅުވީސް ކަމަށް ބުނެފައެވެ. ނުހައްގުން އޭނާގެ ދަރިފުޅު ދަމާ ގެންގޮސް ޖަލަށްލުމަށް ފަހު ރައީސް މުއިއްޒު، އެއާއިލާއަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި އެކަން ސިފަކޮށް ޝާޒު ވަނީ، ގާނޫނުއަސާސީ ރައީސް މުއިއްޒު ގައިގައި އަދި ހިފާނެ ކަމަށް ބުނެފައެވެ. އެދުުވަހަކުންވެސް ޖަލު ހުންނާނެ ކަމަށް ވެސް ޝާޒު ބުނެފައިވެއެވެ.
ޝަހުޒާންގެ ބައްޕައާ އަދި އަނބިމީހާގެ ބަހުގެ ހަމަލާތަކެއް ރައީސް މުއިއްޒަށް އަމާޒުކޮށްފައިވާއިރު، ނޫސްވެރިންނާ އަދި ސިޔާސީ އެކި ފިކުރުތަކުން ވެސް ދަނީ ޝަހުޒާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.










