ދަރިފުޅު އެކަނި ގޭގަ 10 ދުވަސް ވަންދެން ބަންދުކޮށްފައި މަންމަ ޕުއެރްޓޯ ރީކޯ އާއި މިޝިގަންގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް 16 މަހުގެ އެ އަންހެން ކުއްޖާ މަރުވި ހާދިސާގައި މަންމަ އުމުރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ކްރިސްޓެލް ކެންޑެލާރިއޯ އޭނާގެ ރައްޓެހިންނާއެކު މޫދާއި ކްލަބެއްގައި ފޮޓޯ ނަގަން ޕޯޒް ކުރިއިރު އޭނާގެ ދަރިފުޅު ޖެއިލީން ބަނޑުހައިވެގެން މަރުވީ އޭނާގެ ގޭ ތެރޭގަ އެވެ.
ކުޔަހޯގާ ކައުންޓީގެ ކޮމަން ޕްލީސް ކޯޓުގެ ގާޒީ ބްރެންޑަން ޝީހާން ވިދާޅުވީ ކެންޑެލާރިއޯ ވަނީ އޭނާގެ އަންހެން ދަރިފުޅު ކާއެއްޗެހި ނެތި އެކަނި ދޫކޮށް ޣައްދާރު ވެފަވާ ކަމަށެވެ.
"ޖައިލީންގެ ބަންދުން ބޭރަށް ނުނިކުމެވުނު ފަދައިން، ކަލޭވެސް މުޅި އުމުރު ވެސް ހޭދަކުރަންވީ މިނިވަންކަމެއް ނެތް ގޮޅިއެއްގައި،" ޝީހާން ބުންޏެވެ. “ތަފާތަކީ، ޖަލުން އެންމެ ކުޑަމިނުން ކާންދީ، ކަލޭ އޭނައަށް މަނާކުރި ބޯއެއްޗެހި ދޭނެ"
ޝީހާން ވަނީ އުމުރުން 32 އަހަރުގެ ކެންޑެލާރިއޯގެ މައްޗަށް ޕެރޯލްގެ ފުރުސަތެއް ނެތި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
ޝީހާން އަށް 20 އަހަރު ނުވަތަ 38 އަހަރަށް ފަހު ޕެރޯލްގެ ޝަރުތު ހަމަވާ ގޮތަށް ހުކުމެއް އިއްވިދާނެ އެވެ.
ކެންޑެލާރިއޯ ބުނެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ޑިޕްރެޝަނާ ކުރިމަތިލާން ޖެހުނު ކަމަށާއި ކޮންމެ ދުވަހަކު ވެސް މާފަށް އެދި ދުއާ ކުރާ ކަމަށެވެ.
"ކަލާނގެ އާއި އަހަރެންގެ އަންހެން ދަރިފުޅު އަހަންނަށް މާފުކޮށްފި،" ކޯޓު ރޫމް ވަށައިގެން ބަލާލަމުން ސްޕެނިޝް ބަހުން ތަރުޖަމާނު މެދުވެރިކޮށް އޭނާ ބުންޏެވެ.
އަދި ބުނީ، "އަހަރެން އޭނައާ މެދު ނުވިސްނާ ދުވަހެއް ނުދޭ. އަހަރެން ކަލާނގެ ގެ ޙަޟްރަތުގައި ދުޢާކުރަނީ އެއްދުވަހަކު އަނެއްކާވެސް އޭނަ ފެންނާނެ ކަމަށް."
ކޯޓު ރޫމް ފުރިފައިވަނީ ކްލީވްލެންޑް ޕޮލިސް ހޮމިސައިޑް ޑިޓެކްޓިވުންނާއި ގާނޫނު ތަންފީޒުކުރާ އޮފިސަރުންނާއި ޖެއިލީންގެ މައްސަލައިގައި މަސައްކަތްކުރި ފަސްޓް ރެސްޕޮންޑަރުންނެވެ. ހޮމިސައިޑް ޑިޓެކްޓިވްއަކާއި އޭނާގެ ސާޖަންޓާއި ކުޔަހޯގާ ކައުންޓީގެ މެޑިކަލް އެގްޒެމިނަރުގެ އޮފީހުގެ ފޮރެންސިކް ޕެތޮލޮޖިސްޓުން އޮޓޮޕްސީ ހެދި އިރު، ޖެއިލީންގެ މަރަކީ އެމީހުންގެ ކެރިއަރުގެ އެންމެ ނުބައި އެއް މައްސަލަ ކަމަށް ސިފަކުރި އެވެ.
ކުރީގެ ބަދަލު ޓީޗަރެއް ކަމަށްވާ ކެންޑެލާރިއޯ ޖޫން މަހުގެ ހަ ވަނަ ދުވަހު އަންހެން ދަރިފުޅު ދޫކޮށް ޑެޓްރޮއިޓަށް ގޮސް ފިރިހެނަކާ އެކު މަދު ދުވަސްކޮޅެއް މަޑުކުރި އެވެ. އެއަށްފަހު ޖޫން 8 ވަނަ ދުވަހު ޕުއެރްޓޯ ރީކޯއަށް ސްޕިރިޓް އެއާލައިންސްގެ ފްލައިޓެއްގައި ދަތުރުކޮށް، ޖޫން 11 ވަނަ ދުވަހު އެނބުރި އައިސް، ޖޫން 16 ވަނަ ދުވަހު ގެއަށް އަންނަންދެން ދެވަނަ ފިރިހެނަކާއެކު މިޝިގަންގައި މަޑުކުރި އެވެ.
ކްލީވްލެންޑް ޕޮލިސް ޑިޓެކްޓިވުން ރިންގް ޑޯރބެލް ކެމެރާއަކުން ކެންޑެލާރިއޯގެ އަވަށްޓެރިންގެ އަތުން ނަގާފައިވާ 600 އަށް ވުރެ ގިނަ ވީޑިއޯ ރިވިއުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ކެންޑެލާރިއޯ އޭނާގެ ކާރަށް ސޫޓްކޭސްއެއް އަރުވައިގެން ދިޔައީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. އެހެން ވީޑިއޯއެއްގައި ޖެއިލީން އެކަނި ދޫކޮށްލިތާ ގާތްގަނޑަކަށް ތިން ދުވަސް ފަހުން ޖޫން މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 1 ޖަހާ އެހާކަންހާއިރު ހަޅޭއްލަވާ އަޑުތައް އިވެއެވެ.
ކެންޑެލާރިއޯގެ ކާރު ޖޫން 16 ވަނަ ދުވަހުގެ ހެނދުނު 7:36 ގައި އޭނާގެ ގެއަށް އެނބުރި އަންނަ މަންޒަރު ވީޑިއޯއިން ފެނިފައިވާއިރު، އޭގެ އެގާރަ މިނެޓް ފަހުން އޭނާ ވަނީ 911 އަށް ކޯލެއް ކުޮށް އެހީތެރިކަމަށް އެދި ހަޅޭއްލަވައިގަނެފަ އެވެ.
"އަހަރެންގެ އަންހެން ދަރިފުޅު މަރުވަނީ" ކެންޑެލާރިއޯ ފޯނަށް ގިސްލަމުން ބުންޏެވެ.
ޕެރެމެޑިކްސް ހާޒިރުވުމުގެ ކުރިން ކެންޑެލާރިއޯ ވަނީ ޖެއިލީންގެ ހެދުން ބަދަލުކޮށްފައެވެ. އެ އަންހެން ކުއްޖާ މަރުވެފައިވާ ކަމަށް ޕެރެމެޑިކުން އިއުލާން ކުރިއެވެ. އޭނާގެ ބަރުދަނުގައި ހުރީ 13 ޕައުންޑެވެ. އޭގެ ދެ މަސް ކުރިން ޑޮކްޓަރުގެ އެޕޮއިންޓްމަންޓެއްގައި އޭނާގެ ބަރުދަނުގައި 20 ޕައުންޑް ހުރި ކަމަށް ކައުންޓީގެ އެސިސްޓެންޓް ޕްރޮސެކިއުޓަރު އަނާ ފަރަގްލިއާ ބުންޏެވެ.
ގެއަށް އައިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އޭނާގެ ސިޓިންރޫމްގައި ދިން އިންޓަވިއުއެއްގައި ކެންޑެލާރިއޯ ބުނީ މުޅި ހަފްތާ ގޭގައި ހުރި ކަމަށާއި ޖެއިލީން ހޮޑުލާ ކަމަށާއި ދުވަސްކޮޅެއް ވަންދެން އޭނާ ކެއުމާ ދުރުވި ކަމަށެވެ. އެދުވަހު ހެނދުނު ހޭލެވުނު އިރު ޖައިލީން ހޭނެތިފައި އޮއްވާ ފެނުނު ކަމަށް ބުނެ މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ.
ފުލުހުންނާ ވާހަކަ ދައްކަމުން ދިޔައިރު ޖައިލީންގެ ހަށިގަނޑު އޮތީ އޭނާގެ ފައި ކައިރީގައި ތަޅުމުގައި އެނދުގެ ޝީޓެއްގެ ދަށުގައެވެ.
މި މައްސަލަ މަސައްކަތްކުރި ފޮރެންސިކް ޕެތޮލޮޖިސްޓް އެލިޒަބަތު މޫނީ ބުނީ ޖެއިލީންގެ އަތާއި އިނގިލީގެ ނިޔަފަތިތަކުގެ ދަށުގައި އަދި ފައިގެ ތިރީގައި އަދި ދަތްތަކުގައި ނަޖިސް ހުރި ކަމަށާއި އެއީ ދިރިހުރުމަށްޓަކައި އަމިއްލައަށް ނަޖިސް ކާން މަސައްކަތްކުރި ކަމުގެ ނިޝާނެއް ކަމަށެވެ. އޭނާ ކިބައިން ވަރަށް ބޮޑަށް ޑީހައިޑްރޭޝަންގެ އަލާމާތްތަކެއް ފެނިގެން ދިޔައިރު، އެކަމުގެ ސަބަބުން ކިޑްނީ ވަނީ ފެއިލްވެފައިވެ އެވެ.
މޫނީ ބުނީ، ޖެއިލީންގެ ހަށިގަނޑުގެ ގިރުމާއި ހާލަތަށް ބަލާއިރު، އޭނާގެ ހަށިގަނޑު ފެނުމުގެ ދެތިން ދުވަސް ކުރިން މަރުވެފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މާނައަކީ އޭނާގެ ކުޅޭ ތަނުގެ ތެރޭގައި، އެކަނި، ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު ދިރިހުރި ކަމަށެވެ.
"މިއީ އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް ފުރިހަމައަށް ވިސްނޭނެ ކަހަލަ ތަކުލީފެއް ނޫން" މޫނީ ބުންޏެވެ.
ކެންޑެލާރިއޯ އޭނާގެ ދޮގުތައް ހެދި ވާހަކަތައް ކިޔާދެމުން ދިޔަ ސާޖަންޓް ޓެރީސާ ގޯމޭޒް އިނީ ފެންކަޅިވެފައެވެ.
"ޖައިލީން މަރުވީ ދިގު އަދި ވޭންދެނިވި ގޮތަކަށް، ބިރުގަނެ އެކަނިމާއެކަނި، އޭނާގެ މަންމަ ހުރީ މޫދާއި އަވީގައި އުފާކުރަން،" ގޯމޭޒް ބުންޏެވެ.
ކެންޑެލާރިއޯގެ ދިފާއީ ވަކީލު ޑެރެކް ސްމިތު އެ މަންމަގެ އަމަލުތަކަށް އެއްވެސް ބަހަނާއެއް ދައްކާފައެއް ނުވެއެވެ.
"އެއީ ނާސިސިސްޓިކް، އަމިއްލަ އެދުން ބޮޑު، ތަސައްވަރު ކުރެވޭ އެންމެ ގޯސް ބެލެނިވެރިކަން" އޭނާ ބުންޏެވެ.
ސްމިތު ބުނީ ކެންޑެލާރިއޯ އަށް ޑިޕްރެޝަނަށް ފަރުވާ ދީފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަށިގަނޑުގެ އެއްފަރާތް މުޅިން އައްސިވެ ހުރެ ހިލްކްރެސްޓް ހޮސްޕިޓަލަށް ހާޒިރުވުމުން ކަމަށެވެ. ޑޮކްޓަރުން ފުރަތަމަ ގަބޫލުކުރީ އޭނާއަށް ސްޓްރޯކެއް ޖެހުނު ކަމަށް ނަމަވެސް އެމީހުން ކަނޑައެޅީ އެއީ ހާސްކަމާއި ސްޓްރެސްގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރެއް ކަމަށް ސްމިތު ބުންޏެވެ. ޑޮކްޓަރުން އޭނާއަށް އެތައް ބޭހެއް ލިޔެދިން ނަމަވެސް ދަތުރުގެ ކުރީ ހަފްތާތަކުގައި ކެންޑެލާރިއޯ އެ ބޭސްތައް ކެއުން ހުއްޓާލި އެވެ. ކެންޑެލާރިއޯ އެ ދުވަސްވަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރިއެވެ.
ޑިޕްރެޝަން އާއި ހާސްކަމާ ކުރިމަތިލާން ޖެހުނު ކަމަށް ބުނި ސްމިތު ބުނީ މޫދުގައި ކެންޑެލާރިއޯ ނަގާފައިވާ ފޮޓޯތަކުން މީހެއްގެ މުޅި ވާހަކަ އަންގައި ނުދޭ ކަމަށެވެ.
"އެތެރެއިން މީހަކު ތަހަންމަލް ކުރަނީ ކޮންކަމަކާ ކަމެއް ނޭނގޭނެ" ސްމިތު ބުންޏެވެ. "އޭނާ ފޮރުވަމުން ދިޔައީ [އޭނާގެ ޑިޕްރެޝަން]، އަމިއްލަ ނަފްސާއި މައިންބަފައިންގެ ކިބައިން."
ކެންޑެލާރިއޯގެ މައިންބަފައިން ވެސް އޭނާގެ ފަރާތުން ވާހަކަ ދެއްކި އެވެ. އެމީހުން ކެންޑެލާރިއޯ އާއި ޖެއިލީންގެ ކިބައިން ވެސް މައާފަށް އެދުނީ އެމީހުންގެ އަންހެން ދަރިފުޅު ތަހަންމަލް ކުރަމުން ދިޔަ މާޔޫސްކަން ނުފެނީތީއެވެ.
"ޑިޕްރެޝަން އާއި ހާސްކަމުން އޭނާގެ ވިސްނުމާއި ބުއްދި ބޭނުން ކުރުމުން މަހުރޫމް ވެގެން ދިޔައީ،" ކެންޑެލާރިއޯގެ ބައްޕަ ކްލެވަރ ކެންޑެލާރިއޯ ބުންޏެވެ.
ޕްރޮސިކިއުޓާ ފަރަގްލިއާ ބުނީ ދަތުރުން އެނބުރި އައިސް އަންހެން ދަރިފުޅުގެ ފުރާނަ ނެތް ހަށިގަނޑު ފެނުމުން ޖެއިލީންގެ ހެދުން ބަދަލުކޮށް ފުލުހުންނަށް ކަވަރ ސްޓޯރީއެއް އެކުލަވާލުމުގެ ވަސީލަތްތައް ކެންޑެލާރިއޯއަށް ލިބިފައިވާ ކަމަށެވެ. އަދި ނޮވެމްބަރު އަދި ޖެނުއަރީ މަހު ޖަލުން ކެންޑެލާރިއޯ ކުރި ފޯނު ކޯލްތަކުގެ ރެކޯޑިންތަކުގައި ވެސް ޕުއެރްޓޯ ރީކޯއަށް ކުރި ދަތުރު ކިހާ މަޖާކަން ހަނދާން ކޮށްދިންކަމަށް އޭނާ ބުނެފައިވާކަމަށެވެ.
"ދަރިފުޅު މަރަށް ދޫކޮށްލާފައި ދިޔައީ،" ފަރަގްލިއާ ބުންޏެވެ.