June 6, 2026
Advertisement
-
- / ސަން އޮންލައިން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް

Aiminath Sarah
އައިމިނަތް ސާރާ
Jun 6, 2026, 11:22 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން ދެ ފޮށި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާއިރު، ބާކީ ފަސް ފޮށި ބަހައްޓާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަން ތިން ދައުރު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އާއި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ. ސޯބެއަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލައި، އެމްޑީޕީގެ ޓިކެޓަށް އިތުރު ބޭފުޅަކު ކުރިމަތިނުލެއްވުމުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާނުގެ ކިބައިގައި މެންބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ. ސިނާނުގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނަގާފައިވާ 5 މިލިއަން ރުފިޔާގެ ލޯނެއް، ކޯޓު ހުކުމާ އެއްގޮތަށް ނުދައްކާ އޮތުމުންނެވެ. ނަމަވެސް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު އޭނާ ވަނީ އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފައެވެ.

އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި މި ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވީ 1،079 ވޯޓު ހޯއްދަވައިގެންނެވެ. އެ ފަހަރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ 19 ވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އަސްލަމަށް ލިބިވަޑައިގަތީ 838 ވޯޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved