
އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ރަށްތައް ސިސްޓަމެޓިކް ގޮތެއްގައި ނައްތާލާފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އިއުތިރާފުވެވަޑައިގެންފިއެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހިޒްބުاللهއާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ބޯޑަރު ކައިރީގައިވާ 24 ރަށެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.
ކަޓްޒް ވިދާޅުވީ، އިސްރާއީލު ސިފައިން ބުލްޑޯޒަރާއި ގޮވާތަކެތި ބޭނުންކޮށްގެން އެ ރަށްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ގެދޮރު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި މި އުދުވާނުގައި 15،000 އާއި 20،000 އާ ދެމެދުގެ އަދަދަކަށް އާންމުންގެ ގެދޮރު ތަޅާލާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން ކަޓްޒް ވަނީ، ހިޒްބުالله އެނބުރި އެ ސަރަހައްދަށް ގޮސްފިނަމަ އެތަން "ޣައްޒާއަށް ހެދިގެންދާނެ" ކަމަށާއި، އެ ސަރަހައްދުގައި ހުރި ހުރިހާ އެއްޗެއް ފުނޑުފުނޑުކޮށްލާނެ ކަމަށް ވިދާޅުވެފައެވެ. އިސްރާއީލުން މި ލާއިންސާނީ އަމަލުތައް ދިފާއުކުރަމުން ބުނަނީ އެ ރަށްތަކަކީ ހިޒްބުالله އިން އަސްކަރީ މަގާމުތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަން ކަމަށެވެ.
ޣައްޒާގެ ހަނގުރާމައާ ގުޅިގެން ލުބުނާނުގެ ދެކުނަށް ދެމުންދާ މި ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިސްރާއީލުން އެ ގައުމުގެ އުމްރާނީ ވަސީލަތްތަކާއި އާންމުންގެ ގެދޮރު ގަސްތުގައި ހަލާކުކުރަމުންދާ ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.










