June 8, 2026
Advertisement
-
-

އިސްރާއީލަށް 'ވޭންދެނިވި ރައްދެއް' ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 11:55 PM
މާލެ ސިޓީ

އިސްރާއީލުން ލުބުނާނުގެ ބެއިރޫތަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، މިރޭގެ ވަގުތެއްގައި އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާނެ ކަމަށް އީރާނުން އިއުލާންކޮށްފިއެވެ. މިކަން ހާމަކުރެއްވީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ގައުމީ ސެކިއުރިޓީ ކޮމިޝަންގެ ތަރުޖަމާނު އިބްރާހިމް ރެޒާއީއެވެ.

Advertisement

އިބްރާހިމް ރެޒާއީ ވިދާޅުވީ، އިސްރާއީލުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކަށް އީރާނުން "ވޭންދެނިވި ރައްދެއް" ދޭނެ ކަމަށެވެ. އަދި ރެޒާއީ ވަނީ "މިރޭ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގެ އުޑުމަތި ބަލަން" ތިބުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރު ދެއްވާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ ބެއިރޫތުގެ ދެ އިމާރާތެއްގައި ހުރި އެޕާޓްމަންޓްތަކަކަށެވެ. މި ހަމަލާތަކަކީ ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން ދެވުނު ހަމަލާތަކެކެވެ. މީގެ ކުރިން އޭޕްރީލް 17 ގައި ދެފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އެ އެއްބަސްވުމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3,613 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 11,072 އަށް އަރާފައެވެ.

އީރާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ މި ހަމަލާއާއެކު ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved