
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް އީރާނުން ގިނަ އަދަދެއްގެ މިސައިލް ފޮނުވާލާފައިވާއިރު، އިޒްރޭލުގެ އަސްކަރިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން ހަތަރު މިސައިލެއް ވައިގެ ދިފާޢީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ. މި ހަމަލާއަކީ މިއަހަރުގެ އޭޕްރީލް މަހުގެ ކުރިމަތިލުންތަކަށް ފަހު، އީރާނުން ސީދާ އިޒްރޭލަށް މިސައިލް ހަމަލާ ދިން ފުރަތަމަ ފަހަރެވެ.
އީރާނުން މި ހަމަލާތައް ފަށާފައިވަނީ އިޒްރޭލުން ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އީރާނުގެ އަސްކަރިއްޔާއިން މިރޭ ކުރިން ވަނީ އިޒްރޭލަށް "ވޭންދެނިވި" ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މިރޭގެ ވަގުތެއްގައި މިސައިލްތަކުން އިޒްރޭލުގެ ވައިގެ ސަރަހައްދު ފުރާލާނެ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ހޫނުވެފައެވެ. އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ ސައިރަންގެ އަޑު ގަދަވެ، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އަންގާފައެވެ. މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި މުޅިން ސާފެއް ނުވެއެވެ.










