
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މިވީ ތިން އަހަރުގެ ތެރޭގައި އެކަނިވެސް 57 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންއެފް (ޕީޕަލްސް ނޭޝަނަލް ފްރޮންޓް) ގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނަވައިގެން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަރަނި އިންތިހާއަށް މަތިކޮށްފައިވާ ކަމަށެވެ. އަދި މިހާ ބޮޑު ދަރަންޏެއް އުފެއްދިއިރު، ރައްޔިތުންނަށް ފައިދާހުރި، އޮއްޓަރެއް ހުރި އެއްވެސް މަސައްކަތެއް ސަރުކާރަށް ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ސަރުކާރުގެ އިސް ބޭފުޅުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައީސް އޮފީހުގެ ތަރުޖަމާނާއި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ސޯޝަލް މީޑިއާގައި، ހާއްސަކޮށް އެކްސް (ޓްވިޓާ)ގައި ޕޯސްޓްތައް ކުރާ އިރު ތަފާސްހިސާބުތަކަށް ބެއްލެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"މި ބޭބޭފުޅުންޓްވީޓްތައް ލިޔާއިރު ތަފާސްހިސާބު ބަލާފައި ލިޔަންވީ. ހިސާބުތަކަށް ރަނގަޅަށް ބަލާފައި ޓްވީޓް ކުރަން ދަސްކުރަންވީ. އަދި މި ވެރިކަމުގައި ކުރިއަށް އެބައޮތް ދެ އަހަރު، އެ ދެ އަހަރު ތެރޭގައި 90 ބިލިއަންއަށްވެސް މި އަދަދު އަރައިގެން ގޮސްދާނެ،" ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ފަދައިން، ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރިޔަސް މި ސަރުކާރުން އެކަން ގަބޫލުނުކުރާ ކަމަށެވެ.
"ހިތްހަމަނުޖެހޭ ގޮތަށް ރިޕޯޓެއް އަތުވެއްޖެއްޔާ ގަބޫލެއް ނުކުރޭ. އެކަމަކު ހަގީގަތަކީ މިއީ. ނުރުހުނަސް ހަވާ އަރުވަންޖެހޭ ވަރުގެ ކަމެއް ނޫން މިއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކަމަށް ދައްކަން އުޅުނަސް، އާންމު ރައްޔިތުންގެ ޖީބަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށާއި، ދަރަނި މެނޭޖުކުރުމުގައި ސަރުކާރު އިހުމާލުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ، ގައުމުގެ މާލީ ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، މިކަމުން އަރައިގަތުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށެވެ.








