
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކުޑަކުޑަ ކޭޕް ވާޑޭ އިން ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ސްޕެއިން ސިއްސުވާލުމަށްފަހު، 0-0 އިން މެޗު އެއްވަރުކޮށް ތާރީޚީ ނަތީޖާއެއް ހޯދައިފިއެވެ.
ގާތްގަނޑަކަށް 500،000 މީހުންގެ އާބާދީއެއް އޮތް ކޭޕް ވާޑޭއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ދެވަނަ އަށް އެންމެ ކުޑަ ގައުމެވެ. ނަމަވެސް، ގްރޫޕް އެޗް ގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް އެ ޓީމުން ދެއްކީ އާދަޔާ ހިލާފު ހިތްވަރެކެވެ.
މުޅި މެޗުގައި ވެސް ސްޕެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް، ކޭޕް ވާޑޭގެ ކުޅުންތެރިން ވަނީ އެއްވެސް ގޯހެއް ނުހަދައި ޑިފެންސް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ސްޕެއިންގެ ކުޅުންތެރިން ކޭޕް ވާޑްގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، އޮމާން ޕާސިންގް ގޭމެއް ކުޅެމުން ދިޔައެވެ. ނަމަވެސް މުޅި ޓީމު ފަހަތަށް ފައިބައިގެން ކޭޕް ވާޑޭއިން ކުރި ޑިސިޕްލިން މަސައްކަތުގެ ސަބަބުން ސްޕެއިންގެ މިޑްފީލްޑަރުންނަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވިއެވެ.
މި މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ ޖޯސީމާ ޑީއާޒްގެ ހުށިޔާރުކަމެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް ސްޕެއިންގެ ނުރައްކާތެރި 6 ހަމަލާއެއް ދިފާއުކޮށްފައެވެ.
ސްޕެއިންއިން ފުރަތަމަ ހާފުގައި ޖުމްލަ 15 ހަމަލާ އުފެއްދިއިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފެރާން ޓޯރޭޒް އަށެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ރީބައުންސްވެގެން އައި ބޯޅަ ކީޕަރު ވޮޒީނިއާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ސަލާމަތްކޮށްފައެވެ. މީގެ އިތުރުން ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އައިމެރިކް ލަޕޯޓް ބޮލުން ފޮނުވާލި ހަމަލާވެސް ކީޕަރު ވަނީ ހުއްޓުވާފައެވެ.
ކޭޕް ވާޑޭގެ ދިފާއީ ސަފުގައި ހިމެނޭ ސިޑްނީ ލޮޕޭޒް ކަބްރާލް އާއި ޖޮވާނޭ ކަބްރާލް ވަނީ ސްޕެއިންއިން އަރިމަތިން އުފައްދަން އުޅުނު ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން، ރަސްމީ މުބާރާތެއްގެ ފުރަތަމަ ހާފުގައި ސްޕެއިން އަށް ލަނޑެއް ނުޖެހި ނިންމާލަންޖެހުނު ފުރަތަމަ މެޗެވެ.
ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ވަނީ މެޗުގެ 70 ވަނަ މިނެޓުގައި ލަމީން ޔަމާލް އާއި މިކެލް މޮރީނޯ ކުޅެން އަރުވާފައެވެ. އަދި މެޗުގެ ފަހުކޮޅު ޑެނީ އޮލްމޯ އާއި ނިކޯ ވިލިއަމްސް ކުޅެން ނެރުނު ނަމަވެސް، ތަރިންނުން ފުރިގެންވީ ސްޕެއިންގެ ސްކޮޑަށް ކޭޕް ވާޑްގެ ދިފާއު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފަހު މިނެޓްތަކުގައި ސްޕެއިންގެ ކުޅުންތެރިން ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ތިއްބައެވެ. އެގޮތުން މެޗުގެ 93 ވަނަ މިނެޓުގައި ކޭޕް ވާޑުން އުފެއްދި ނުރައްކާތެރި ކައުންޓަ އެޓޭކެއް ހުއްޓުވުމުގެ ތެރޭގައި ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ވަނީ ފައުލެއް ވެސް ކޮށްފައެވެ.
މުޅި ދުނިޔެ ސިއްސުވާލި މި ނަތީޖާއާއެކު، ކޭޕް ވާޑޭ އިން ވަނީ ވޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ ޕޮއިންޓް ކަށަވަރުކޮށްފައެވެ.




