
ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދާ މެކްސިކޯގެ ޓިޖުއާނާ ސްޓޭޑިއަމްގެ ބޭރުގައި އޮތް ކާރެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހަށިގަނޑު ފެނިފައިވަނީ ކާރުގެ ޓްރަންކް ތެރޭގައި އޮތް ޕްލާސްޓިކް ކޮތަޅަކަށްލާ އޮޅާލާފައި ވަނިކޮށެވެ. ފެނުނު އިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވާން ފަށާފައެވެ. އަދި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިއީ އީރާނުގެ ޓީމަށް ނަފްސާނީ ގޮތުން ބިރުދައްކައި، ބޭކާރު ފިތުނައާއި މައްސަލަތައް އުފެއްދުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ އަމަލެކެވެ.
މީގެ އިތުރުން، އީރާނުގެ މެޗުތައް އެމެރިކާގައި ކުޅޭއިރު، އެ ގައުމުގެ ޓީމަށް އުނދަގޫވާނޭ ފަދަ އެތައް ކަމެއް ކުރިމަތިވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން ކޮންމެ މެޗަކަށް އީރާނު ޓީމު އެމެރިކާއަށް އެތެރެވުމަށްފަހު، މެޗު ނިމުމާއެކު ވަގުތުން ގައުމުން ބޭރުވާން ޖެހުމަކީވެސް އެ ގައުމަށް ކުރާ ޖެއްސުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.










