
އއ. މަތިވެރި ކައިރީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ ފުލުސް އޮފިސަރު، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ "ޕޮލިސް ލޯންޗް 57" ގައި ވާޖިބު އަދާކުރަމުންދިޔަ ސީނިއަރ ސާޖަންޓް އަހްމަދު އާސިފް އެވެ. އޭނާ ގެއްލިފައިވަނީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އާސިފް ގެއްލުނުކަން އެނގުމާއެކު، އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުންނާއި އާންމުން ގުޅިގެން ވަގުތުން ފެށިއެވެ. ގިނަ ގަޑިއިރުތަކެއްގެ މަސައްކަތަށްފަހު އޭނާގެ ހަށިގަނޑު ފެނިފައިވަނީ މޫދު އަޑިންނެވެ.
އާސިފްގެ ހަށިގަނޑު ފެނުމާއެކު ވަގުތުން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ވަނީ ކަށަވަރުކޮށްދީފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި ނިޔާވި އޮފިސަރުގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރި މުވައްޒަފުންނަށް ބޭނުންވާ ނަފްސާނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އާސިފް ހޯދުމުގެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.ސީނިއަރ ސާޖަންޓް އަހްމަދު އާސިފް ނިޔާވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ދެރައެއްގެ ގޮތުގައި އެ މުއައްސަސާއިން ސިފަކުރެއެވެ.










