June 18, 2026
Advertisement
-
-

އީރާނާއި ލުބުނާނު އާރާސްތުކުރުމަށް ޗައިނާގެ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދީފި

Aiminath Sarah
އައިމިނަތް ސާރާ
Jun 17, 2026, 06:02 PM
މާލެ ސިޓީ

އީރާނާއި ލުބުނާނަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެ، އެ ގައުމުތައް އަލުން އާރާސްތުކުުރުމުގެ (ރިކަވަރީ އެންޑް ރިކޮންސްޓްރަކްޝަން) މަސައްކަތްތަކުގައި ޗައިނާއިން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވެއްޖެއެވެ.

Advertisement

ޗައިނާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ލިން ޖިއާން ވިދާޅުވީ، އިސްރާއީލުން އެމެރިކާގެ އެހީތެރިކަމާއެކު މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ މެދު ޗައިނާއިން ނުހަނު ހިތާމަކުރާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނަ ގެއްލި، އުމްރާނީ ވަސީލަތްތައް ސުންނާފަތިވަމުންދާ ދިއުން ޗައިނާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސަރަހައްދުތައް އަލުން ބިނާކުރުމަށް ޗައިނާއިން އިސްނަގައިގެން މަސައްކަތް ކުރާނެއެވެ. މީގެ ތެރޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އަސާސީ އެހީތެރިކަމާއި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެ ގައުމުތައް ކޮޅަށް ޖެހުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހިމެނެއެވެ.

މީގެ އިތުރުން، ލިން ޖިއާން ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ބޭރުގެ ބާރުތަކުން އެ ސަރަހައްދުގެ ގައުމުތަކުގެ ދާޚިލީ ކަންކަމަށް ވަދެ، ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.

ޗައިނާއިން އަބަދުވެސް ވަކާލާތު ކުރަނީ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމު ކުރުމަށެވެ. މިގޮތުން އީރާނާއި ލުބުނާނުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި އުނދަގޫ ވަގުތުގައި، އެ ގައުމުތަކުގެ އުމްރާނީ ތަރައްގީ އާއި އާންމު ހާލަތު ރަނގަޅު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މި ބަޔާނަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ ގައުމުތަކާއެކު ޗައިނާއިން އޮތް ބަދަހި ގުޅުން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved