އިންޑިޔާގެ ނިއު ދިއްލީއަކީ 2023 ވަނަ އަހަރު ދުނިޔޭގައި އެންމެ ވައި ތަޣައްޔަރުވި ކެޕިޓަލް ސިޓީ ކަމަށް ސްވިސްގައި ހުންނަ ވައިގެ ފެންވަރު މޮނިޓަރިން ގްރޫޕަކުން ބުނެފިއެވެ.
އިންޑިއާ ވެސް ހިމެނުނީ އަވަށްޓެރި ބަންގްލަދޭޝް އާއި ޕާކިސްތާނަށް ފަހު ދުނިޔޭގެ ތިން ވަނަ އަށް އެންމެ ވައި ތަޣައްޔަރުވެފައިވާ ގައުމު ކަމަށް އައިކިއުއެއާ އިން ބުނެއެވެ.
2022 ވަނަ އަހަރުން އެގައުމަކީ އަށް ވަނައަށް އެންމެ ވައި ތަޣައްޔަރު ގައުމެވެ.
އިންޑިއާގެ ބައެއް ސިޓީތަކުގައި ވައި ތަޣައްޔަރުވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ހަލުވިކަމާއެކު ސިނާއީ ކުރިއެރުމާއި އެކު ތިމާވެށީގެ ގާނޫނުތައް ތަންފީޒުނުކުރެވުމަކީ ގައުމު ތަޣައްޔަރުވުން އިތުރުކުރުމުގައި ދައުރެއް އަދާކުރި ކަމެކެވެ.
ފާއިތުވި ވިއްސަކަށް އަހަރު އިންޑިއާގައި ގިނަ ތަރައްގީތަކެއް ފެނިފައިވީ ނަމަވެސް ސިނާއީ ގަވާއިދުތަކަށް ފެކްޓްރީތަކުން އަމަލު އަމަލު ނުކުރުމާއި ހަލުވިކަމާއެކު އިމާރާތްކުރުމުގެ ސަބަބުން ތަޣައްޔަރުވުމުގެ މިންވަރު މައްޗަށް ގޮސްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.
އައިކިއުއެއާގެ ރިޕޯޓުގައި ބުނެފައި ވަނީ އިންޑިއާގެ އެވްރެޖް ލެވެލް ޕީއެމް2.5 - ފުއްޕާމޭ ތަތްވެ ގިނަ ބަލިތަކެއް މެދުވެރިވާ ފައިން ޕާޓިކިއުލެޓް މެޓަރ - އަކީ ކިއުބިކް މީޓަރަކަށް 54.4 މައިކްރޯގްރާމް އެވެ.
ދުނިޔޭގެ ފެންވަރުގައި ޕީއެމް2.5 ކިއުބިކް މީޓަރަކަށް 12 އާއި 15 މައިކްރޯގްރާމް ހިމެނޭ ވަޔަކީ ނޭވާލާން ރައްކާތެރި މިންވަރެކެވެ. ކިއުބިކް މީޓަރަކަށް 35 މައިކްރޯގްރާމް އަށް ވުރެ މަތީ ވަޔަކީ ސިއްހަތަށް ގެއްލުން ހުރި މިންވަރެކެވެ.
ދިއްލީގެ ވައިގެ ފެންވަރު އިންޑިއާގެ ޖުމްލަ ވައިގެ ފެންވަރަށް ވުރެ ގޯސްވެ، އެ ސިޓީގެ ޕީއެމް2.5 ރީޑިން އަކީ ކިއުބިކް މީޓަރަކަށް 92.7 މައިކްރޯގްރާމް އެވެ.
ދިއްލީގައި މުޅި އަހަރު ދުވަހު ނުބައި ވަޔާ ކުރިމަތިލާން ޖެހުނު ނަމަވެސް ވަކިން ހާއްސަކޮށް ފިނި މޫސުމުގައި ވައި ވިހަވެއެވެ.
މިކަން ދިމާވަނީ ކައިރީގައިވާ ސްޓޭޓްތަކުގެ ދަނޑުވެރިން ދަނޑުވެރިކަމުގެ ބާވަތްތައް އަންދާލުމާއި، ސިނާއީ ފެކްޓަރީތަކުން އަދި ވެހިކަލްތަކުން ގޭސް ބޭރުކުރުމާއި، ވައިގެ ބާރުމިން ދަށްވުމާއި، ފެސްޓިވަލްތަކުގައި ހަވާ އެރުވުން ފަދަ އެކި ކަންތައްތަކުގެ ސަބަބުންނެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ވިހަ ވައިގެ ސަބަބުން ޖެހިޖެހިގެން އެތައް ދުވަހެއް ވަންދެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފަ އެވެ.
މީގެއިތުރުން އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ބެގުސެރައި އާއި އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ގުވާހަޓީ ވަނީ ދުނިޔޭގެ އެންމެ ތަޣައްޔަރުވެފައިވާ ދެ ސިޓީގެ ގޮތުގައި ރޭންކް ކުރެވިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަހަރަކު އެއްފަހަރު ކަނޑައަޅާފައިވާ ޕީއެމް2.5 ގައިޑްލައިން ފުރިހަމަ ކުރީ އެންމެ ހަތް ގައުމަކުން ކަމަށާއި އެއީ އަހަރަކު އެވްރެޖްކޮށް ކިއުބިކް މީޓަރަކަށް 5 މައިކްރޯގްރާމް ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ މިންވަރެކެވެ.
އޭގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒީލެންޑް، އައިސްލޭންޑް އަދި ފިންލޭންޑް ހިމެނެ އެވެ.