
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގާއި ބިލްތައް އިންތިހާއަށް ބޮޑުވަމުންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބެލުމެއް ނެތް ގޮތަށް ސިޔާސީ ވަޒީފާތައް އިތުރުކޮށް ދައުލަތުގެ ބަޖެޓް ހުސްކުރަމުންދާ ކަމަށް ބުނެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، މިއަދު ރާއްޖޭގެ ރައްޔިތުން ތިބީ ކާބޯތަކެތީގެ އަގު ބޮޑުވެ، ކަރަންޓާއި ފެން ބިލްތައް ނުދެއްކޭ ފަދަ ނިކަމެތި ހާލަތެއްގައި ކަމަށެވެ. ނަމަވެސް، ރައީސް އޮފީހުން މިހާރު ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުން ހުއްޓާލާފައިވާ ކަމަށާއި، މިއީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.
ޑރ. ޖަމީލްގެ ވާހަކަފުޅުގައި، ދާދި ފަހުން އޭނާ އަރިއަތޮޅުގެ ކުޑަ ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ. "އެ ރަށަކީ ވަރަށް ކުޑަ ރަށެއް. އެކަމަކު މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު ވަޑައިގެން، ފެނަކައާއި އާރްޑީސީ ފަދަ ކުންފުނިތަކުން އެކަނިވެސް 100 ނުވަތަ 150 އެއްހާ މީހުންނަށް ވަޒީފާ ދީފައިވޭ. އެ މީހުން ކުރާނެ މަސައްކަތެއް، ދާނެ ތަނެއް ނެތް. ހަމައެކަނި ފިންގާ ޖަހާލާފައި ގޭގައި ތިބެނީ" ޖަމީލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިއީ މުޅި ރާއްޖޭގައި މިހާރު އޮތް ހަގީގަތެވެ.
ސަރުކާރުގެ ތެރޭގައި އޮތް އާއިލީ ނުފޫޒާއި ވަޒީފާގެ ބާރުވެރިކަމަށް އަލިއަޅުވާލައްވަމުން ޖަމީލް ވިދާޅުވީ، ކެބިނެޓުން ނުވަތަ ސިޔާސީ މަގާމަކުން މީހަކު ވަކިކުރި ނަމަވެސް، އެ މީހާގެ މުޅި އާއިލާއަށް ބޮޑެތި މަގާމުތައް ދީގެން "ނަފަގާ" ދެމުންދާ ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓަށް ބެލުމެއް ނެތް، އިސްރާފު ބޮޑު އަމަލުތަކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އިގްތިސާދީ މާހިރުންނާއި އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ޚަރަދު ކުޑަކުރުމަށް ތަކުރާރުކޮށް ގޮވާލަމުންދާއިރު، ރައީސް މުއިއްޒު އެ ބަސްތަކަށް ބޯނުލަނބާ ކަމަށް ޖަމީލް ތުހުމަތުކުރެއްވިއެވެ. "ރާއްޖޭގެ އިގްތިސާދު މިއަދު މިއޮތް ހީނަރުކަމަށް ވެއްޓުނީ، އައިއެމްއެފްގެ ބަސްނޭހުމުންނާއި، ރައީސް މުއިއްޒު ހިތުހުރި ގޮތަކަށް ބަޖެޓް ބުރުއްސަމުން ދިއުމުގެ ސަބަބުން" ޑރ. ޖަމީލް ވިދާޅުވިއެވެ.
މި ޖަލްސާގައި ޖަމީލް ވަނީ ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށާއި، ރައްޔިތުންގެ ޖީބަށް ބާރުބޮޑުވަމުންދާއިރު ސަރުކާރުގެ އިސްވެރިންގެ އަމިއްލަ އެދުން އިސްކުރަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.




