
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީއަށް ހިތުހުރި ބަގުތަކު ހިހުރި ބަދަލުތައް ގެންނަމުންދާ ދިއުމަށް ކުރިގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ޗަގޯސް" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ ޖަމީލު ވިދާޅުވީ، ގާނޫނުއަސާސީއަކީ ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ އިހުސާސްތަކާއި ވަރަށް ގިނަ ބައެއްގެ ވިސްނުންތަކެއްގެ މައްޗަށް ވަރަށް ގިނަ މަޝްވަރާތަކެއް ކޮށްގެން ފަރުމާކޮށްފައިވާ އެއްޗެއް ކަމަށާއި، އެއާ އިރުއިރުކޮޅާ ކުޅޭ ނަމަ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.
ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެން ގާނޫނު އަސާސީއަށް ގިނަ ބަދަލުތަކެއް ގެންނަވަމުން ގެންދާއިރު މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހު މަޖިލިސް ޗުއްޓީގައި އޮއްވާ އަވަސްއަރުވާލައިގެން ފާސްކުރުވުމަށް ފަހު މިހާރު އެކަންތަސްދީގު ކުރުމަސް ރެފރަންޑަމް ވޯޓެއް ނަގަން ދަނީ މަސައކްަތްކުރަމުންނެވެ.
އެކަމަށް އިޝާރާތްކުރައްވާ ޑެ. ޖަމީލު ވިދާޅުވި، ގާނޫނުއަސާސީއަކީ އާދައިގެ ގާނޫނެއް ނޫން ކަމަށާއި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާފައިވަނީ ވެސް ސަބަބަކަށްޓަކައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފައިވާ ޒިންމާތަކަކީ ވެސް އާދައިގެ ޒިންމާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ބާރުތަކެއް މަޖިލީހަށް ދީފައިވަނީ ވެސް އެއީ މުޅި ރާއްޖޭގެ ރައްޔިތުން ތަމްސީލުކުރާ ތަނަކަށް ވާތީއެވެ.
ގާނޫނުއަސާސީގައި ރައްޔިތުންގެ ބާރު އެންމެ ފުރަތަމަ އޮތީ ވެސް ރައްޔިތުންގެ ބާރު ދެމެހެއްޓުމަށްޓަކައި ކަމަށް ޖަމީލު ވިދާޅުވި އެވެ. ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ، ބޭނުން ގޮތަކަށް، ބޭނުން އިރަކު، ބޭނުން ކަމެއް ކުރާ ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ނުުރހުން ފާޅުކުރައްވާ މަޖާޒީ ގޮތަކަށް ޑރ ޖަމީލު ވިދާޅުވީ، ގާނޫނު އަސާސިއަކީ ހަމަ ހުރެފައި ދިމްޔާތުގެ ތެރެއަށް ލެއްގި އެއްޗެއް ނޫން ކަމަށާ އެއީ ވަރަށް ބައިވަރު މަސައްކަތާވަރަށް ބައިވަރު ވިސްނުންތަކެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުން، އަންނަ މަހުގެ 4ގައި ނަގާ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ އެ ގާނޫނުއަސާސީ ނިމުމަކަށް އަންނާނެ އެެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ މި ސަރުކާރަށް ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ނަގަން ކުރާ ކަމެއް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.










