އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ ކުއްލިއަކަށް އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.
އިސްތިއުފާ ދެއްވާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ "އަމިއްލަ އަދި ސިޔާސީ، އެކަމަކު މައިގަނޑު ގޮތެއްގައި ސިޔާސީ ސަބަބު" ތަކާ ހެދި ކަމަށެވެ.
ބުދަ ދުވަހު ޑަބްލިންގެ ސަރުކާރު އިމާރާތްތަކުގެ ބޭރުގައި ހުރެ ވަރަޑްކާ ވިދާޅުވީ އޭނާއަށް ހީވަނީ އޭނާ އަކީ އެ ވަޒީފާއަށް "އެންމެ ރަނގަޅު މީހާ" ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ މަހު މަޖިލިސް ރިސެސްއިން އެނބުރި އައުމަށްފަހު އާ ބޭފުޅަކު އިންތިހާބު ކުރެވެންދެން ބޮޑުވަޒީރުކަމުގައި ދެމިހުންނަވާނެ ކަމަށެވެ.
ވަރަދުކާރު އެންމެ ފުރަތަމަ ބޮޑުވަޒީރު ކަމަށް ވަޑައިގަތީ 2017 ވަނަ އަހަރު، ފައިން ގޭލް ޕާޓީގެ ލީޑަރަކަށް އިންތިހާބު ކުރެއްވުމަށް ފަހު އެވެ. އޭނާ އަކީ އެގައުމުގެ އެންމެ ޒުވާން ލީޑަރެވެ.
"މިއަދުން ފެށިގެން [ޕާޓީގެ] ރައީސް އަދި ފައިން ގޭލްގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދީފިން، އަދި އަހަރެންގެ ފަހުން އަންނަ މީހާއަށް އެ މަގާމާ ހަވާލުވެވޭހާ އަވަހަކަށް ޓާއޯއިސެޗް [އަޔަލޭންޑްގެ ބޮޑުވަޒީރު] ކަމުން އިސްތިއުފާ ދޭނަން،" ވަރަޑްކާ ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވުމަކީ "ގިނަ ބަޔަކަށް ހައިރާންކަމެއް އަދި ބައެއް މީހުންނަށް މާޔޫސްކަމެއް" ގެނުވާނެ ކަމަށް ގަބޫލުކުރައްވައި ވަރަދުކާރު ވިދާޅުވީ އޭނާގެ ނިންމުން ނިންމީ ގައުމުގެ މަސްލަހަތަށް ވިސްނައިގެން ކަމަށެވެ.
ކޯލިޝަން ޕާޓްނަރު ފިއާނާ ފޭލްގެ ލީޑަރު، އަޔަލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މައިކަލް މާޓިން ވިދާޅުވީ ވަރަޑްކާއަށް "މި ބާވަތުގެ ނިންމުމެއް ނިންމުމުގެ ހައްގު ލިބިގެންވާ" ކަމަށާއި ނަމަވެސް އެއީ "ހައިރާން ކުރުވަނިވި" ކަމެއް ކަމަށެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ޕާޓީގެ ކޮންފަރެންސްގެ ކުރިން ވަރަދުކާރުގެ ބަދަލުގައި ލީޑަޝިޕް ކޮންޓެސްޓެއް އޮންނާނެ ކަމަށާއި 2025 ވަނަ އަހަރުގެ މެއި މަހުގެ ކުރިން އިތުރު އާންމު އިންތިޚާބެއް ބޭއްވުން ސަރުކާރަށް ލާޒިމު ވާނެއެވެ.