ވިއެޓުނާމުގެ ރައީސް ތުއޮންގް / އޭޕީ
ދުނިޔެ
ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ވިއެޓްނާމްގެ ރައީސް އިސްތިއުފާ ދީފި
Azzama
އައްޒާމާ
21 މާރިޗު 2024

ކޮމިއުނިސްޓު ޕާޓީން ބުނެފައިވަނީ މަގާމާ ހަވާލުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ވިއެޓްނާމްގެ ރައީސް ވޯ ވެން ތޫއޮންގް އިސްތިއުފާ ދެއްވައިފި ކަމަށެވެ. މިއީ ކޮރަޕްޝަނާ ދެކޮޅަށް އެގައުމުން ހިންގާ ބޮޑު ހަރަކާތެއްގައި އިސްތިއުފާ ދިން އެންމެ އިސް ލީޑަރެވެ.

އެ ޕާޓީން ބުނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށާއި، ނެރުނު ބަޔާނެއްގައި ލިޔެފައި ވަނީ "ވޯ ވެން ތޫންގްގެ ގަވާއިދާ ހިލާފުވުމުން ކޮމިއުނިސްޓް ޕާޓީގެ އަބުރަށް ނުބައި ނިޝާނެއް ޖަހާފައިވާ" ކަމަށެވެ.

ތޫއޮންގް އަކީ ދެ އަހަރު ތެރޭގައި އިސްތިއުފާ ދެއްވި ދެވަނަ ރައީސް ކަމަށާއި، މިއީ އެމެރިކާއާއި ޗައިނާގެ ވާދަވެރިކަމުގެ މެދުގައި މުހިންމު ދައުރެއް އަދާކުރާ އަދި ދުނިޔޭގެ އުފެއްދުންތެރިކަމުގައި ކުރިއަރަމުން އަންނަ ގައުމެއްގައި ސިޔާސީ ހަމަޖެހުމަށް ކަންބޮޑުވާ ނިޝާނެއް ކަމަށް މަޝްރަހު ތަހުލީލު ކުރާ ފަރާތްތަކުން ބުނެއެވެ.

އޭނާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރާނެ ކަމަށް ބުނާ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

މީގެ ދުވަސްތަކެއް ކުރިން ވިއެޓްނާމްގެ ފުލުހުން ބުނެފައި ވަނީ ސެންޓްރަލް ވިއެޓްނާމްގެ ކުއަންގް ނައި ޕްރޮވިންސްގެ ކުރީގެ ވެރިޔާ ކޮރަޕްޝަންގެ ކުށުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އޭނާ ސުޕަވައިޒް ކުރެއްވީ ޕްރޮވިންޝަލް ޕާޓީގެ އިސްވެރިޔާގެ މަގާމުގައި ހުންނެވީ ތޫންގް އެވެ.

އުމުރުން 54 އަހަރުގެ ތޫއޮންގް ރައީސް ކަމަށް ވަޑައިގަތީ 2023 ވަނަ އަހަރުގެ މާޗް މަހު، ކޮވިޑުގެ ދުވަސްވަރު ހިނގި ކޮރަޕްޝަންގެ މައްސަލަތަކުގެ "ސިޔާސީ ޒިންމާ" ނަގަން އޭނާގެ ކުރިން ހުންނެވި ންގްޔެން ޒުއަން ފޫކް އިސްތިއުފާ ދެއްވިތާ ދެ މަސް ފަހުންނެވެ.

ވިއެޓްނާމްގައި ރައީސް ކަމުގެ މަގާމަކީ ބޮޑަށް ރަމްޒީ ގޮތުން އޮންނަ މަގާމެކެވެ. އެއީ އެގައުމުގެ ސިޔާސީ ދަރަޖައިގެ ތިން ވަނަ މަގާމެވެ. އެންމެ ބާރުގަދަ މަގާމަކީ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމެވެ.މި މަގާމުގައި 2011 ވަނަ އަހަރުން ފެށިގެން ހުންނެވީ އުމުރުން 79 އަހަރުގެ ންގްޔެން ފޫ ޓްރޮންގްއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved