އެމެރިކާގެ ޖޯޖިއާ ސްޓޭޓުން ބުދަ ދުވަހު މަރުގެ ހުކުމް އިއްވާފައިވާ ގައިދީ ވިލީ ޕައި މަރާލައިފި އެވެ. އޭނާއަށް ވަނީ 1993 ވަނަ އަހަރު އެލީޝިޔާ ލިން ޔާބްރޯ މަރާލި ކަމުގެ ކުށް ސާބިތުވެފައެވެ.
މި މަރުގެ އަދަބަކީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ޖޯޖިއާގައި ދިން ފުރަތަމަ މަރުގެ އަދަބެވެ. މި އަދަބު ދިނީ ރޭ 11:03 ހާއިރު މަރުގެ އިންޖެކްޝަނެއް ޖަހައި އެޓްލާންޓާގެ ދެކުނުން ގާތްގަނޑަކަށް 50 މޭލު ދުރުގައި އޮންނަ ޖެކްސަންގެ ޖަލެއްގައި ކަމަށް ޖޯޖިއާ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. ޕައި އޭނާގެ ފަހުގެ ބަޔާނެއް ނުވަތަ ވަސިއްޔަތެއް ނުދޭ ކަމަށް ވެސް އެކަމާ ބެހޭގޮތުން ނެރުނު ބަޔާނުގައިވެއެވެ.
އުމުރުން 59 އަހަރުގެ ޕައި މަރާލާފައި ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު އެމެރިކާގެ ސުޕްރީމް ކޯޓުން އޭނާގެ އެންމެ ފަހުގެ އިސްތިއުނާފުތައް އިންކާރު ކުރުމުންނެވެ. ކްލެމެންސީ ޕެޓިޝަނަކާއި އެކީ ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ޕައި އާއި އޭނާގެ ވަކީލުން ވަނީ ފިކުރީ ގޮތުން ނުކުޅެދުންތެރިކަމާއި ވަކީލުންގެ އެހީތެރިކަން ރަނގަޅަށް ނުލިބޭ ކަމަށް ބުނެ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ދައުވާކޮށްފަ އެވެ.
ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި 1996 ވަނަ އަހަރު ޕައިގެ މައްޗަށް ސާބިތުވެފައިވަނީ ގަސްތުގައި މީހަކު މަރާލުމާއި ހަށިގަނޑަށް އަނިޔާކުރުމާއެކު ރަހީނުކުރުމާއި ހަތިޔާރާއެކު ފޭރުމާއި ވައްކަންކުރުމާއި ރޭޕްކުރުމުގެ ކުށެވެ.
ދެ ބައިވެރިންނާ އެކު ޕައި ގަސްތުކުރީ ޔާބްރޯ އާއެކު ދިރިއުޅެމުން ދިޔަ މީހަކު ފޭރިގަތުމަށް ކަމަށް އިސްތިއުނާފު ކޯޓުގެ ނިންމުމެއްގައި ބުނެފައިވެ އެވެ. ޕައި ޔާބްރޯ ދެކެ ރުޅިއައީ ޔާބްރޯއަށް ލިބިފައިވާ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓްގައި އެމީހާ ސޮއިކޮށްފައިވާތީ އެވެ. ސްކީ މާސްކް އަޅައިގެން އެ ތިން މީހުން އެމީހާގެ ގެއަށް ދިއުމުގެ ކުރިން ޕައި ވަނީ .22 ފިސްތޯލައެއް ގަނެފަ އެވެ.
ޕައި ދޮރު ފަޅާލާފައި ވަދެ ޔާބްރޯ ދިމާލަށް ބަޑި ދިއްކޮށް ހިފަހައްޓާފައި ހުރި ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ. އޭރު އެގޭގައި ހުރީ ޔާބްރޯ އާއި އޭނާގެ ދަރިފުޅެވެ. އެ މީހުން ޔާބްރޯގެ އަތުން އަނގޮޓިއަކާއި ފަށެއް ނަގައި، އޭގެ ފަހުން އޭނާ ވަގަށް ނަގައިގެން މޮޓޯލަކަށް ގެންގޮސް ރޭޕް ކުރި އެވެ.
އެއަށްފަހު އެމީހުން ޔާބްރޯ ގެންދިޔައީ ކިސަޑު މަގަކުން ކަމަށާއި، އެތަނުން ޕައި ކާރުން ފައިބަން އަމުރުކޮށް، މޫނު ތިރިކޮށް އޮށޯތުމަށް ބުނެ ތިން ފަހަރު ބަޑިޖަހާފައިވާ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. ޕައިގެ ބައިވެރިންގެ ތެރެއިން އެކަކު ފަހުން އިއުތިރާފުވެ ދައުލަތަށް ހެކިބަސް ދިންއިރު، ޝިކާރައަކަށް ވެފައިވާ މީހާގެ ހަށިގަނޑުން ނަގާފައިވާ މަނި ޑީއެންއޭ ތަހުލީލު ކުރުމުން ޕައިއާ ގުޅިފައިވެ އެވެ.
ޖޯޖިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި ޕައިގެ ޖޫރީން ލަފާ ދިނީ މަރުގެ ހުކުމަކަށް ކަމަށާއި އެންމެ ފަހުން ކޯޓުން އެ ހުކުމް އިއްވާފައި ވަނީ އުމުރު ދުވަހުގެ ތިން ޖަލު ހުކުމަކާ 20 އަހަރު އިތުރުކޮށްފައެވެ.
ޖޯޖިއާގެ ކަރެކްޝަނަލް ރެކޯޑްތަކުން ދައްކާ ގޮތުގައި ޕައިގެ ބައިވެރިން ވެސް އުމުރަށް ޖަލަށް ލާފައިވަނީ ޔާބްރޯގެ މަރުގެ މައްސަލައިގަ އެވެ.