
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ކޭގައި މިރޭ އުޒްބެކިސްތާނާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު، މުޅި ފުޓްބޯޅަ ދުނިޔޭގެ ނަޒަރު ހުއްޓިފައިވަނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޑީއާރު ކޮންގޯއާ 1-1 އިން އެއްވަރުވުމުން ޕޯޗުގަލްއަށް މޮޅެއް ހޯދައިދިނުމުގެ ބޮޑު ޒިންމާއެއް މިރޭ ރޮނާލްޑޯގެ ކޮނޑުގައި ވަނީ އެޅިފައެވެ.
ފުރަތަމަ މެޗުގައި ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ސަޕޯޓަރުންގެ މާޔޫސްކަން ވަނީ އިތުރުވެފައެވެ. ދަނޑުމަތީގެ އިތުރުން ދަނޑުން ބޭރުގައިވެސް ރޮނާލްޑޯއަށް މިހާރު ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ވާދަވެރި ސަޕޯޓަރުން "މެސީ، މެސީ" އޭ ކިޔައި އަޑުގަދަކުރަމުންދާއިރު، ސޯޝަލް މީޑިއާގައި ދެ ކުޅުންތެރިންގެ އަޅާކިޔުންތައް ވަނީ އިންތިހާއަށް ގަދަވެފައެވެ.
މި ފާޑުކިޔުންތައް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ، އާޖެންޓީނާގެ ލިއޮނަލް މެސީ މި މުބާރާތުގައި ކުޅުނު ދެ މެޗުގައިވެސް ލަނޑު ޖަހައި، އޭނާގެ ޓީމަށް ވަރުގަދަ ފެށުމެއް ހޯދައިދީފައިވުމެވެ. މި ވޯލްޑް ކަޕެއްގައި ކުޅެމުންދާ ރޮނާލްޑޯ އަދިވެސް މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ލަނޑު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕޯޗުގަލްއަށް މިރޭގެ މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ކޮންމެހެން މޮޅުވާން މަޖުބޫރު މެޗެކެވެ. އުޒްބެކިސްތާން މިވަގުތު އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފަހަތުގައެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތީ އުޒްބެކިސްތާން ބަލިކުރި ކޮލަމްބިއާއެވެ. މިރޭގެ މެޗުން ބަލިވެއްޖެނަމަ، ގްރޫޕްގެ ފަހު މެޗުގައި ކޮލަމްބިއާ އާ ދެކޮޅަށް ނުކުންނައިރު ޕޯޗުގަލްއަށް ބޮޑު ނުރައްކަލަކާ ކުރިމަތިވާނެއެވެ.
ޕޯޗުގަލްއަކީ އުޒްބެކް އާއި ބަލާއިރު ވަރުގަދަ ޓީމެކެވެ. ބްރޫނޯ ފަރްނާންޑޭސް، ބާނާޑޯ ސިލްވާ އަދި ނޫނޯ މެންޑޭސް ފަދަ ތަރިންނާއެކު ޕޯޗުގަލް ނުކުންނައިރު، އުޒްބެކިސްތާނަކީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ޓީމެކެވެ.
މިރޭގެ މެޗަކީ ހަމައެކަނި ދެ ގައުމެއްގެ ކުރިމަތިލުމެއް ނޫނެވެ. މިއީ ރޮނާލްޑޯ އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ދަނޑުމަތީގައި ދޭނެ ރައްދެއް ދިނުމަށް ފުޓްބޯޅަ ސަޕޯޓަރުން ކެތްމަދުވެފައިވާ މެޗެކެވެ. ރޮނާލްޑޯ ލަނޑު ޖަހައިފިނަމަ އޭނާގެ ސަޕޯޓަރުން އުފާފާޅުކުރާނެއެވެ. ނޫންނަމަ، މެސީ އާއި ރޮނާލްޑޯގެ ބަހުސް އިތުރަށް ހޫނުވެގެންދާނެއެވެ.
ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ބައިނަލްއަގްވާމީ 143 ލަނޑު އަދި ވޯލްޑް ކަޕް މުބާރާތްތަކުގައި 8 ލަނޑު ޖަހާފައެވެ. ނަމަވެސް 2026 ގެ ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ފެނިގެންދާނީ މިރޭތޯ ބަލަން ސަޕޯޓަރުން ތިބީ އިންތިޒާރުގައެވެ.










