
2026 ވަނަ އަހަރުގެ ފޯރިގަދަ ވޯލްޑް ކަޕް ފެށިގެން ކުރިއަށްދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ފޭނުންގެ ނަޒަރު މިރޭ ހުއްޓިފައިވަނީ ސްޕެއިން އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ ފޯރިގަދަ ކުރިމަތިލުމަށެވެ.
މި މުބާރާތުގެ ތަށި އުފުލާލާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، އަދި ދިވެހިންގެ ތެރޭގައިވެސް ބޮޑު ސަޕޯޓެއް އޮންނަ ސްޕެއިން އަށް މި ފަހަރުގެ ފެށުންވީ ވަރަށް ހިތްދަތި ފެށުމަކަށެވެ. ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު، އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވެރްޑޭ އަތުން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހުމަކީ ސަޕޯޓަރުންނަށް ލިބުނު ބޮޑު ޝޮކެކެވެ.
މިރޭގެ މެޗަށް ސްޕެއިން ނުކުންނައިރު، ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކާއި ސަޕޯޓަރުންގެ މެދުގައި އޮތް އެންމެ ބޮޑު ސުވާލަކީ: "މިރޭ ސައުދީ އަތުން ސްޕެއިން މޮޅުވާނެތަ؟" ނުވަތަ އަނެއްކާވެސް ބޮޑު ސިހުމެއް ލިބިދާނެބާ؟ އެވެ. އަނެއްކޮޅުން ސައުދީ އަރަބިއްޔާއަކީ އަބަދުވެސް ބޮޑެތި ޓީމުތައް ސިއްސުވާލުމުގެ ގާބިލުކަން ހުރި ޓީމަކަށް ވުމުން، މިރޭގެ މެޗު ވެގެންދާނީ ފޯރިގަދަ ކުރިމަތިލުމަކަށެވެ. ސައުދީން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ފަހަރުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށްފައެވެ.
ސްޕެއިންގެ ފޭނުން އުއްމީދުކޮށްގެން ތިބީ މިރޭ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ފޯރި އަލުން ހިފާލާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ މެޗުގެ ނަތީޖާއަށް ބަލާފައި، މިރޭގެ ސްކޯއާ މެދު ބަހުސްތައް ވަނީ ގަދަވެފައެވެ.
މިރޭ ސްޕެއިން މޮޅުވާނީ ކިތައް ލަނޑުން؟ ނުވަތަ ސައުދީން މެޗު ނަގާނެތަ؟ ތިޔަބޭފުޅުން ލަފާކުރާ ސްކޯ ކޮމެންޓްގައި ލިޔެލާ!










