June 21, 2026
Advertisement
-
-

ފަހު ވަގުތު އުންޑަވް ޖެހި ލަނޑުން އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަނު ދެވަނަ ބުރަށް

Aiminath Sarah
އައިމިނަތް ސާރާ
Jun 21, 2026, 12:16 PM
މާލެ ސިޓީ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ރޭ ކުޅުނު ފޯރިގަދަ މެޗު، ފަހު ވަގުތު ޖެހި ލަނޑާއެކު 1-2 އިން ކާމިޔާބުކޮށް ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފިއެވެ.

Advertisement

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، އެފްރިކާގެ ޗެމްޕިއަން އައިވަރީ ކޯސްޓުން ވަނީ ޖަރުމަނާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އައިވަރީ ކޯސްޓުން މެޗުގެ ފުރަތަމަ ހާފުގައި ރޭވުންތެރި ކުޅުމެއް ދެއްކިއިރު، މެޗުގެ 29 ވަނަ މިނެޓުގައި ފްރޭންކް ކެސިއޭ ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ.

ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 68 ވަނަ މިނެޓުގައެވެ. ޖޯޝުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިޒް އުންޑަވްއެވެ.

މެޗުގެ ފަހުކޮޅު ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 88 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުގެ ސައިމަން އަޑިންގްރާއަށް ލިބުނު ހުސް ފުރުސަތެއް ބޭކާރުވިއިރު، އޭގެ އެއް މިނެޓް ފަހުން ޖަރުމަނަށް ލިބުނު ފުރުސަތު އައިވަރީ ކޯސްޓުގެ ކީޕަރު ޔަހިއާ ފޮފާނާ ވަނީ މޮޅަށް ދިފާއުކޮށްފައެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ 94 ވަނަ މިނެޓުގައި ފީލިކްސް އެންމެޗާ ދިން ބޯޅައަކުން އުންޑަވް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޖަރުމަނަށް މުހިންމު މޮޅެއް ހޯދައިދީފައެވެ.

މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދައިގެން ޖަރުމަނު ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މެޗުން ބަލިވި ނަމަވެސް، އައިވަރީ ކޯސްޓަށް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަރުމަނު ނުކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ. އަދި އައިވަރީ ކޯސްޓް ބައްދަލުކުރާނީ ކުރަސާއޯއާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved