
2028ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީއިން ރައީސް ޑރ މުހައްމަދު މުއިއްޒު ނެރެފިނަމަ އެ ޕާޓީއަށް އިންތިހާބު ކާމިޔާބުވުން ދުރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަބޫލުކުރަން ދަތި ނަމަވެސް ހަގީގަތަކީ ރައީސް މުއިއްޒަކީ ވަރަށް އާދައިގެ ސިޔާސީ ބޭފުޅެއް ކަމަށެވެ. ރައީސްކަމަށް ވަޑައިގެންނެވުމާ ހަމައަށް އެމަނިކުފާނު ދެއްކެވި ފާހަގަކޮށްލެވޭ އެއްވެސް ކަމެއް އަދި އާދަޔާ ހިލާފު ކަމެއް ނެތްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ މެދު ޝައުގުވެރިވާ ވަރުގެ ނަތީޖާއެއް، މަސައްކަތްޕުޅުގެ ތެރެއިން ކުރިން ފެނިފައި ނުވާ ކަމަށާ، ޑރ މުއިއްޒުގެ އަމިއްލަފުޅު ޚިޔާލާތެއް އަދި ތަރައްޤީއަށް ޢަމަލީ ތަޞައްވުރެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޑރ މުއިއްޒުއަކީ އަބަދުވެސް އެހެން މީހެއްގެ ކިބައިން މަގުބޫލުކަން ހޯދައިގެން ރިޔާސަތަށް ވާސިލްވުމުގެ ނަސީބު ލިބުނު އާދައިގެ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ ޑރ.ޖަމީލު ވިދާޅުވީ ޕީޕީއެމްގައި ހުރި ގޮތަށް އެމަނިކުފާނު ދެމި ހުރި ކަމަށާ އެމަނިކުފާނުގެ ވަށައިގެން ތިބި މީހުން އެކަން ގަބޫލުކުރިޔަސް ނުކުރިޔަސް އެންމެ ފަހުން ގިނަ ބަޔަކު މާޔޫސްވެފައި ތިބޭނެ ކަމަށާއި ޑރ މުއިއްޒުއާ ދުރުވެ އަމިއްލަ މުސްތަގުބަލު ރައްކާތެރި ކުރުމުގެ ފުރުސަތުތައް އެ މީހުންގެ ތެރެއިން މީހުން ހޯދާނެ ކަމަށެވެ.
ހަގީގަތަކީ ރައީސް މުއިއްޒު ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވުމަކީ ދުރުކަމަކަށް ވާއިރު ދާދިފަހުން ބޭއްވި ރިފަރެންޑަމްގެ ނަތީޖާއިން ދައްކާ ގޮތުގައި 70 އިން ސައްތަ ވަރަކަށް ވޯޓުލީ މީހުން އެމަނިކުފާނު އެމަގާމުގައި ހުރުން ދެކޮޅު ހެދިއިރު، ލޯކަލް ކައުންސިލް އިންތިޚާބުން އެ ޖަދަލު އިތުރަށް ވަރުގަދަވި ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. ހުރިހާ ސިޓީއަކާއި ގިނަ ކައުންސިލްތަކުން ބަލިވެފައިވާ ޕީއެންސީއަށް ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާ ކުޑަކަން ވެސް ޑރ ޖަމީލު ވަނީ އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ނޫން ކެންޑިޑޭޓަކު ނެރުމަށް ޕިއެންސީއިން ސިއްރުން މަޝްވަރާކުރަމުންދާކަމުގެ އަޑުތަކެއް ވަނި ފެތުރިފައެވެ.










