
ޝައިޚު އިސްމާއީލް މުހައްމަދަކީ، ތަޢުލީމީ އެތައް ޖީލެއް ބިނާ ކުރެއްވުމުގައި މުޅި ޙަޔާތް ހޭދަކުރެއްވި ހެޔޮލަފާ ޞޯލިޙު މުރައްބިރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އެޅުއްވުމުގައި އަގުނުކުރެވޭފަދަ ބޮޑު ޚިދުމަތްތަކެއް ކުރެއްވި، ރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިޔާ މއ. ތޮއިބާ، ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލް އަވަހާރަވުމާއި ގުޅިގެން ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައެވެ.
ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޝައިޚު އިސްމާއިލަކީ، އޯގާތެރިކަމާ، ހިތްހެޔޮކަމާއި ދީނަށް ލޯބިކުރެއްވި ލާމަސީލު ބޭފުޅެއް ކަމަށެވެ. އަދި އެއީ ޑރ ޖަމީލުގެ ޙަޔާތުގެ އެންމެ މުހިއްމު މަރުޙަލާގައި އުގަންނާ ދެއްވި އެމަނިކުފާނުގެ ލޮބުވެތި އުސްތާޒުކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ޑރ ޖަމީލު ވިދާޅުވީ، ޝައިޚު އިސްމާއީލް މުހައްމަދަކީ، ތަޢުލީމީ އެތައް ޖީލެއް ބިނާ ކުރެއްވުމުގައި މުޅި ޙަޔާތް ހޭދަކުރެއްވި ހެޔޮލަފާ ޞޯލިޙު މުރައްބިރެއް ކަމަށެވެ.
އެ ޕޯސްޓުގައި ޑރ. ޖަމީލު ވަނީ، މާތްالله ޝައިޚު އިސްމާއީލު މުޙައްމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައެވެ.
\










