
ހިޖުރީ އައު އަހަރުގެ ތަހުނިޔާ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ފަރާތުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.
ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށުމުގެ އުފާވެރިކަމާ އަހަރާއެކު އަޅުގަނޑުމެން ހުރިހާ މުސްލިމުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އަޅުގަނޑުމެންގެ ތެރޭގައިވާ އެކުވެރިކަމާ އެއްބައިވަންތަ ކަމުގެ ރޫޙް ދަމަހައްޓައި އޯގާތެރިކަމާ ހިތްހެޔޮކަން އިތުރުކޮށް އަޅުގަނޑުމެންގެ މަސްލަޙަތުތައް ދެމެހެއްޓުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އިންސާނީ ކަރާމާތަށް އުނިކަން ލިބޭނެފަދަ ކަންކަމުން ދުރުވެ، މަކާރިމުލް އަޚްލާޤުގެ މަތީގައި އަޅުގަނޑުމެންގެ އުޅުމާ ގުޅުންތައް ދެމެހެއްޓުމަށް އިލްތިމާސްކުރައްވާ ރައީސް ޔާމީން ވަނީ ބޮޑެތިވަމުން އަންނަ ކުދިންގެ ކިބައިގައި ރިވެތި އުސޫލުތައް ހަރުލައްވައި، އެކުދިންނަކީ ހެޔޮލަފާ، ޒިންމާދާރު ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަށްވެސް ގޮވަލާއްވާފައެވެ.
މީގެ އިތުރުން ރިވެތި ސުލޫކުގެ ހަރުދަނާ ސިފަތައް އަޅުގަނޑުމެންގެ ޅަދަރިންގެ ކިބައިގައި ހަރުލައްވައި ޒުވާން ޖީލުގެ ފާގަތި ކަމަށްޓަކައި ޒިންމާދާރު ހެޔޮ ލަފާ ބަޔަކަށް ޒުވާނުން ހެދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުމަށްވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.
ހަމަ އެހެންމެ އަޅުގަނޑުމެންގެ މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކީވެސް އެމީހެއްގެ ނަފްސަށް ރައްކާތެރިކަން ހޯދައިދޭ ފަދައިން އަނެކާގެ ނަފްސަށާ މުދަލުގެ ރައްކާތެރިކަމަށް އިސްކަންދޭ މީހަކަށް ވުމަށް ވެސް ރައީސް ޔާމީންގެ ދުވަހުގެ ހާއްސަ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ހިޖުރީ އައު އަހަރަކާ ކުރިމަތިލާއިރު އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.










