
އީރާނުގެ ސަރަހައްދުތަކަށާއި މެދުއިރުމަތީގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުން މަރުވަމުންދާއިރު، ބައިނަލްއަގްވާމީ ގާނޫނުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެމެރިކާއަށް ނެތް ކަމަށް ވިދާޅުވެ، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މި ރައްދު ދީފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާ ގުޅޭގޮތުންނާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުނުކުރުމަށް ގޮވާލައި ރޫބިއޯ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މީގެ އިތުރުން އީރާނުގެ އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދެވުނު ހަމަލާއެއްގައި 150 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށް އިޝާރާތް ކުރައްވައި، އެމެރިކާއިން "ގަސްތުގައި ސްކޫލަކަށް އަމާޒުކޮށް ހަމަލާ ދިނުން ޖަސްޓިފައި ކުރާނީ ކިހިނެއްތޯ އައްބާސް ވަނީ ސުވާލު އުފައްދާފައެވެ.
އަރާގްޗީ ވަނީ އެމެރިކާއިން ބައިނަލްއަގްވާމީ ގާނޫނުތަކާއި ގެއްލުންތަކާ ގުޅޭގޮތުން ގެންގުޅެނީ "ޑަބަލް ސްޓޭންޑަޑް" އުސޫލެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމެރިކާގެ އަސްކަރީ އަމަލުތަކާއި އިސްރާއީލަށް ދެމުންދާ ތާއީދަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަންކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަހުގެ ހަމަލާތަކާއެކު ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، ގިނަ ބަޔަކު ދަނީ މަދަނީންގެ ހިމާޔަތާއި ބައިނަލްއަގްވާމީ ގާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރުމުގެ މުހިންމުކަމާ މެދު ވާހަކަދައްކަމުންނެވެ. މި ހާދިސާއިން ހާމަވެގެންދަނީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި އެމެރިކާއާއި އިރާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ރަގަޅު ނުވާ ކަމެވެ.










