
ކެންސަރުގެ ބައެއް ވައްތަރުތަކަށް ފަރުވާކުރުމަށް ބޭނުންކުރާ އިންޖެކްޝަންގެ ފޭކު އިންޖެކްޝަން ރާއްޖޭގައި ހުރިކަން ފާހަގަވެ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗުއޯ)އިން އިންޒާރުދީފިއެވެ.
ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ އިންޖެކްޝަނެއް ކަމަށްވާ ޑާޒަލެކްސްގެ ފޭކް އިންޖެޝަންތަކެއް ރާއްޖޭގައި ހުރިކަން ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް އައިސް، އެ އިދާރާއިން މިހާރު ވަނީ، މިި އިންޖެކްޝަންތަކުގެ އަސްލު އުފެއްދުންތެރިޔާ، ޖަންސެން އިން ފޭކު އުފެއްދުންތަކުގެ ބެޗް ނަންބަރު MYS7381 އަދި STV1K01 ސައްހަ ނޫންކަން ކަށަވަރުކޮށްދީފައިވާކަން ހާމަކުރައްވާފައެވެ. މި ބެޗް ނަންބަރުތައް ހިމެނޭ ޑާޒެލެކްސްގެ އެއްވެސް އުފެއްދުމަކީ ދޮގު އުފެއްދުމެއް ކަމަށާއި ބޭނުން ނުކުރާ އުފެއްދުމެއް ކަމަށް ބެލެވޭނެ ކަމަށް ވެސް ވިދާުވެފައިވެއެވެ.
ޑަބްލިއުއެޗުއޯއިން ބުނީ މި ފޭކް ބެޗުތަކަކީ ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ ތަކެތި ކަމަށެވެ. އަދި އެއީ އުފެއްދި ތަނާއި ގެނައި ތަން ގަސްތުގައި އޮޅުވާލާފައި ހުރި ތަކެތި ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ވަނީ ވިދާޅުވެފައެވެ.
ޑަބްލިއުއެޗުއޯ)ގެ ރަސްމީ ވެބްސައިޓްގައި މިދިޔަ ހުކުރު ދުވަހު ނެރުނު އިންޒާރުގައި އިތުރަށް ވިދާޅުވެފައިވަނީ، ޑާޒެލެކްސްގެ (ޑަރަޓޫމޫމަބް) ފޭކް އިންޖެކްޝަންތަކުގެ ސަބަބުން ބަލިމީހާގެ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.. މި އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓެއް އަދި ކުރެވިފައެއް ނުވާއިރު، އެއީ ގޯސް މާއްދާތަކެއް ނުވަތަ ގެއްލުން ހުރި މާއްދާތަކެއް ހިމެނިދާނެ އެއްޗެހިތަކަކަށްވުން ވެސް އެކށީގެންވާ ކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވެއެވެ.
ފެންނަ ޕާޓިކިއުލެޓް މެޓަރ ފެނިފައިވަނީ މަދުވެގެން އެއް ބެޗް ކަމަށްވާ އެސްޓީވީ1ކޭ01 އިންނެވެ. މިއީ ތަޣައްޔަރުވުމުގެ ނުރައްކާ އޮތްކަމުގެ އިޝާރާތެއް ކަމަށް ބަލިމީހުންނަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށާއި އޭގެ ތެރޭގައި އިންފެކްޝަން ނުވަތަ އިންޖެކްޝަން ޖެހުމާ ގުޅުން ހުރި ކޮމްޕްލިކޭޝަންތައް ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކުރައްވާވައިވެއެވެ.
ފޭކު ޑާޒެލެކްސް ލިބޭ ބަލިމީހުންނަށް އެމީހުންގެ ހާލަތަށް އެކަށީގެންވާ ފަރުވާ ނުލިބިދާނެކަމަށާ މިއީ ބަލި ކުރިއަރައި ދިއުމަށް މަގުފަހިވާ ކަމަކަށްވާއިރު މޮރބިޑިޓީ އާއި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯއިން ދީފައިވެއެވެ. މި އުފެއްދުންތައް އަވަހަށް ހޯދައި ސަޕްލައި ޗޭން އިން ނައްތާލުމަކީ ބަލިމީހާއަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާ އެ އިދާރާއިން ވަނީ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ރެގިއުލޭޓަރީ އޮތޯރިޓީތަކާއި، އާންމުންނަށް ވެސް ލަފާތަކެއް ދީފައެވެ.
އެގޮތުން ސިއްހީ ދާއިރާގެ ފަންނީ ފަރާތްތަކުން އާދަޔާ ހިލާފު ނުރަނގަޅު ހާދިސާތަކާއި، ހީވެސް ނުކުރާ ގޮތަކަށް ފަރުވާގެ އަސަރުތައް ކުޑަވުމާއި، ނުވަތަ ޑާޒެލެކްސްއާ ގުޅުންހުރި ފެންވަރުގެ އުނިކަންތައްތައް އީމެއިލްގައި އެމީހުންގެ ނޭޝަނަލް ރެގިއުލޭޓަރީ އޮތޯރިޓީ، ނޭޝަނަލް ފާމަކޯވިޖިލަންސް ސެންޓަރ ނުވަތަ ޑަބްލިޔުއެޗްއޯއަށް ރިޕޯޓްކުރަންވާނެ ކަމަށް ހާމަކޮށްފައިވެއެވެ.
މި އުފެއްދުންތަކުގެ އަސަރު ފޯރާނެ ގައުމުތަކާއި ސަރަހައްދުތަކުގައި ސަޕްލައި ޗޭންގެ ސަވައިލެންސް އާއި މޮނިޓަރިންގ އިތުރުކުރުމަށް ޑަބްލިޔުއެޗްއޯއިން ލަފާދެއެވެ. ޚާއްސަކޮށް އޮންލައިން ޕްލެޓްފޯމްތައް ހިމެނޭ ގޮތަށް ނުރަސްމީ/ރެގިއުލޭޓް ނުކުރާ މާކެޓުގެ ސަރވޭލަންސް އިތުރުކުރުމަށް ލަފާދެއެވެ. މި އުފެއްދުންތައް ފެނިއްޖެނަމަ ނޭޝަނަލް ރެގިއުލޭޓަރީ އޮތޯރިޓީތަކާއި ސިއްހީ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ވަގުތުން ޑަބްލިއުއެޗްއޯއަށް އަންގަން ޖެހެ އެވެ.
މި އުފެއްދުންތައް އެއްވެސް ފަރާތެއްގެ އަތުގައި ހުރިނަމަ ބޭނުން ނުކުރުމަށާ ތިމާއަށް، ނުވަތަ ތިމާއަށް އެނގޭ މީހަކު މި އުފެއްދުންތައް ބޭނުންކޮށްފައިވާނަމަ، ނުވަތަ ބޭނުންކުރުމަށްފަހު ނޭދެވޭ ކަމެއް ނުވަތަ ހީވެސް ނުކުރާ ފަދަ ނޭދެވޭ އަސަރެއް ކުރިނަމަ، ވަގުތުން ސިއްހީ ދާއިރާގެ ފަންނީ ލަފާ ހޯދުމަށްވެސް އިރުޝާދުދީފައިވެއެވެ.
ހުރިހާ މެޑިކަލް ޕްރޮޑަކްޓްތަކެއް ހޯދަންވާނީ ހުއްދަ/ލައިސަންސް ލިބިފައިވާ ސަޕްލައި ކުރާ ފަރާތްތަކުން ކަމަށާ މި އުފެއްދުންތައް އުފެއްދުމާއި ނުވަތަ ސަޕްލައިކުރުމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑަބްލިޔުއެޗްއޯ އަށް ގުޅުއްވުމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭ ގޮތުން އަދި ރަސްމީ އިދާރާއެއްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.




