
ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސްގެ މައްޗަށް ކުރިހޯދައި، ސްޕެއިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އެމެރިކާގެ އޭޓީއެންޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ލުއިސް ޑެލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕޭން ޓީމުން މި މެޗުގައި ވެސް ދެއްކީ ވަރަށް ބޮޑަށް ރޭވުންތެރި، އަދި ތަރުތީބު ކުޅުމެކެވެ. ކީލިއަން އެމްބާޕޭ، އޮސްމާން ޑެމްބޭލޭ، މައިކަލް އޮލީސޭ އަދި ބްރެޑްލީ ބާކޯލާ ފަދަ ނުރައްކާތެރި ކުޅުންތެރިން ހިމެނޭ ފްރާންސްގެ އެޓޭކަށް މި މެޗުގައި ޖުމްލަ ފޮނުވާލެވުނީ އެންމެ ފަސް ހަމަލާއެވެ. މުޅި މެޗުގެ 53 އިންސައްތަ ކޮންޓްރޯލް ކުރީ ސްޕޭނުންނެވެ.
މެޗުގެ ކުރީކޮޅު ފްރާންސުން ވަރަށް ބޮޑަށް ބާރުބޮޑުކޮށް، ސްޕޭންގެ ކުޅުންތެރިންނަށް ޕްރެޝަރު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް، ރޮޑްރީ އާއި ފަބިއަން ރޫއިޒްގެ އެހީތެރިކަމާއެކު ސްޕޭނުން މެޗުގެ ކޮންޓްރޯލް އަތުލައި، އަރިމަތިން ލަމީން ޔަމާލް އާއި އެލެކްސް ބައޭނާގެ ބޭނުން ހިފައިގެން ހަމަލާތައް އުފައްދަން ފެށިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 22 ވަނަ މިނެޓުގައެވެ. މިއީ ލޫކަސް ޑީނިއޭ އޭރިއާ ތެރެއިން ލަމީން ޔަމާލްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޮޔަޒަބާލް ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.
ފްރާންސަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 30 ވަނަ މިނެޓުގައި އެޓީމުގެ މުހިންމު ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ދަނޑަށް އެރީ މެކްސެންސް ލަކްރޮއިޒްއެވެ. އޭގެ އިރުކޮޅެއް ފަހުން ސްޕޭންގެ ކުކުރެއްލާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރީނދޫ ކާޑެއް ދެއްކިއެވެ.
ފުރަތަމަ ހާފުގައި ފްރާންސަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން، ބާކޯލާ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ މަތިން ދިޔައިރު، ސްޕޭނުން ވަނީ ދެވަނަ ލަނޑެއް ޖެހުމާ ގާތަށް ގޮސްފައެވެ. ނަމަވެސް ފްރާންސްގެ ޑިފެންޑަރުން އެ ހަމަލާ ދިފާއުކުރިއެވެ. ފްރާންސްގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމުގައި ސްޕޭންގެ މިޑްފީލްޑާއި ޑިފެންސްލައިން ފެނުނީ ވަރަށް ބަދަހިކޮށެވެ.
ދެވަނަ ހާފު ފަށައިގެން ފްރާންސުން ބަދަލުތަކެއް ގެނެސް، ކުޅުން ވަރުގަދަކުރަން މަސައްކަތް ކުރި ނަމަވެސް، ސްޕޭނުން ވަނީ 58 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި ފްރާންސްގެ އުއްމީދުތައް ފަނޑުކޮށްލާފައެވެ. މި ލަނޑަކީ ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ކަނާތް ފަޅިން ކުރިއަށް އެރި ޕެޑްރޯ ޕޯރޯ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ފަހުބައިގައި ފްރާންސުން ގިނަ ބަދަލުތަކެއް ގެނެސް ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ސްޕޭންގެ ޕައު ކުބާސީ އާއި އައިމެރިކް ލަޕޯޓް ވަނީ ފްރާންސްގެ ހުރިހާ ހަމަލާއެއް ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ. 87 ވަނަ މިނެޓްގައި އޭރިއާ މަތިން ލިބުނު ހިލޭ ޖެހުމެއް އެމްބަޕޭ ފޮނުވާލީ ގޯލު މަތިންނެވެ. މުޅި މުބާރާތުގައި ވެސް މިހާތަނަށް އެންމެ ލަނޑެއް ބައިކޮޅަށް ވަދެފައިވާ ސްޕޭންގެ ޑިފެންސް ފޫއަޅުވާލުމަކީ ފްރާންސަށް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
މި ނަތީޖާއާއެކު ސްޕޭން މިވަނީ ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ. މީގެ 16 އަހަރު ކުރިން، 2010 ގައި ސްޕޭން ވަނީ ފުރަތަމަ ފަހަރަށް ތަށި އުފުލާލާފައެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލްގައި ސްޕޭން ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ އިންގްލެންޑާއެވެ.
އަނެއްކޮޅުން، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިޔުމުގެ ފުރުސަތު ފްރާންސަށް މިވަނީ ގެއްލިފައެވެ. އެޓީމަށް ދެން އޮތީ މުބާރާތުގެ ތިންވަނަ ހޮވާ މެޗެވެ.










