. / ރޮއިޓަރސް
ދުނިޔެ
ރޮލެކްސް ގަޑިތައް ހޯދަން ރައީސްގެ ގެއަށް ރެއިޑް ޖަހައިފި
Azzama
އައްޒާމާ
31 މާރިޗު 2024

"ރޮލެކްސްގޭޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކޮރަޕްޝަންގެ ތަހުގީގެއްގެ ތެރެއިން ޕެރޫގެ ފުލުހުން ވަނީ ރައީސް ދީނާ ބޮލޫއާޓޭގެ ގެއަށް ވަދެއްޖެ އެވެ.

ކަމާބެހޭ ފަރާތްތަކުން ހޯދަމުން ދިޔައީ ރައީސް ބޮލޫއާޓޭ އޭނާގެ މާލީ ބަޔާންތަކުގައި ހާމަ ނުކުރާ ކަމަށް ބުނާ ރޮލެކްސް ގަޑިތަކުގެ ތެރެއިން ދިހަވަރަކަށް ގަޑި އެވެ.

މި ތަހުގީގު ފެށީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރުގެ އާންމު އިވެންޓްތަކުގައި ލައިގެން ހުންނަ ލަގްޒަރީ ގަޑިތަކަށް ނިއުސް ރިޕޯޓެއްގައި ސަމާލުކަން ދިނުމުންނެވެ.

ޕެރޫގެ ސަރުކާރުން ވަނީ ހޮނިހިރު ދުވަހު ހިންގި ރެއިޑަކީ "އާންމުކޮށް ގާނޫނު އަސާސީއާ ހިލާފު ރޭޑެއް" ކަމަށް ސިފަކޮށްފަ އެވެ.

"މިއީ ސީރިއަސް އަޑުތަކެއް، އިންވެސްޓްމަންޓްތަކަށާއި މުޅި ގައުމަށް ވެސް އަސަރުކުރާ އަޑުތަކެއް،" ޕެރޫގެ ބޮޑުވަޒީރު ގުސްޓާވޯ އެޑްރިއަންޒެން އެކްސްގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުގެ ކޮންޓްރޯލަރު ވަނީ ވޭތުވެދިޔަ ދެ އަހަރުން ފެށިގެން ބޮލޫއާޓޭގެ އެސެޓް ޑިކްލެރޭޝަންތައް މުރާޖައާ ކުރާނެ ކަމަށް މި މަހުގެ ކުރީކޮޅު އިއުލާންކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ވާހަކަ ދައްކަވަމުން ބޮލޫއާޓޭ ވަނީ ސަރުކާރަށް ވަދެވަޑައިގަތީ "ސާފުކޮށް" ކަމަށާއި "ސާފު އަތުން ދޫކޮށްލައްވާނެ" ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ބުނީ އޭނާގެ ރޮލެކްސް އަކީ އުމުރުން 18 އަހަރުން ފެށިގެން މަސައްކަތް ކުރުމުން ލިބުނު ފައިސާއިން ގަތް ދުވަސްވީ އެއްޗެއް ކަމަށެވެ.

ފުލުހުންނާއި ޕީޖީ އޮފީހާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިންގި ރޭޑް ދައްކާފައިވަނީ ލޯކަލް ޓީވީ ޗެނަލް ލެޓިނާ އިންނެވެ.

ރައީސްގެ ގެކޮޅުގެ ދޮރު ފުލުހުން ފަޅާލީ، ބެލެވޭ ގޮތުގައި އޮފިޝަލުން ހުޅުވުމަށް ގޮވާލުމުން ޖަވާބު ނުލިބުމުންނެވެ.

ރިޔާސީ ގަނޑުވަރާއި ކައިރީގައި އޮންނަ ލީމާ ޑިސްޓްރިކްޓް ސުރްކިލޯގައި ޕަބްލިކް ޕްރޮސެކިއުޓަރުގެ 20 ވަރަކަށް އޮފިޝަލުންނާއި 20 ފުލުހުން ވަނީ ޖެހި ރެއިޑުގައި ބައިވެރިވެފައެވެ.

އެޑްރިއަންޒެން ވިދާޅުވީ ރައީސް ހުންނެވީ އޭނާގެ އޮފީހުގައި ކަމަށެވެ.

ބޮޑުވަޒީރު އާރުޕީޕީގެ ރޭޑިއޯ ސްޓޭޝަނަށް ވިދާޅުވީ ބޮލޫއާޓޭ އިސްތިއުފާ ދެއްވަން ރާވާފައިވާ "އެއްވެސް

ގޮތެއް ނެތް" ކަމަށެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved