ޓައިވާނަށް 25 އަހަރު ދުވަހުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމުގައި ބުދަ ދުވަހު ހައިވޭ ޓަނަލްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތައް ވަނީ މަސައްކަތް ފަށާފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުން ޓައިވާނުގެ އިރުމަތީ އައްސޭރިފަށަށް އައީ ލޯކަލް ގަޑިން ހެނދުނު 7:58 ގައި ހޫއަލިއެން ސިޓީގެ ދެކުނުން 18 ކިލޯމީޓަރު (11 މޭލު) ދުރުގައި އަދި 34.8 ކިލޯމީޓަރު (21 މޭލު) އަޑިއަށެވެ. އެއަށްފަހު ވަރުގަދަ އަފްޓާޝޮކްތަކެއް އައިސް މުޅި ޖަޒީރާއަށް ބިންހެލުންތަކެއް އައިސްފައިވާއިރު، އޭގެ ތެރޭގައި ވެރިރަށް ޓައިޕޭއަށް ވެސް އަސަރު ކުރިއެވެ.
ފުރަތަމަ ބިންހެލުން އައި ފަހުން ބިންހެލުމުގެ މަރުކަޒު ކައިރީގައި 4.0 ގެ މެގްނިޓިއުޑް އަށް ވުރެ ބޮޑު 29 އަފްޓާޝޮކް އައިސްފައިވާ ކަމަށް ޔޫއެސްޖީއެސް އިން ބުނެ އެވެ.
މި އަފްޓާޝޮކްތަކުގެ ތެރެއިން އެއް އަފްޓާޝޮކް ޖެހިފައިވަނީ 6.0 އަށް ވުރެ މަތީގައި ކަމަށާއި 13 އަފްޓާޝޮކް ޖެހިފައިވަނީ 5.0 މެގްނިޓިއުޑްގައި ނުވަތަ އެއަށްވުރެ މަތީގައެވެ.
ޓައިވާންގެ ނޭޝަނަލް ފަޔަރ އެޖެންސީ (އެންއެފްއޭ) އިން ބުދަ ދުވަހު ނެރުނު އަޕްޑޭޓެއްގައި ބުނެފައިވަނީ މަރުވި މީހުންގެ އަދަދު ނުވަ އަކަށް އަރާފައިވާއިރު، 934 މީހަކަށް ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން ހުއާލިއެން ކައުންޓީގެ އެކި ޓަނަލްތަކުގައި ތާށިވެފައި ތިބި 75 މީހަކު ވަނީ އެމަޖެންސީ ރެސްޕޮންޑަރުން ސަލާމަތްކޮށްފައެވެ. އިރުމަތީ ގަޑިން ހެނދުނު 7 ޖަހާއިރު މިހާތަނަށް 137 މީހުން ތާށިވެފައިވެ އެވެ.
ތާށިވެފައި ތިބި މީހުންގެ ތެރޭގައި ސިލްކްސް ޕްލޭސް ހޮޓެލް ޓަރޯކޯގެ 50 މުވައްޒަފަކު ވެސް ހިމެނެ އެވެ.
ހުރިހާ މަރުތަކެއް ވެސް ހިނގާފައިވަނީ ހުއާލިއެން ކައުންޓީގައި ކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިންގެ ހޮޓްސްޕޮޓް ޓަރޯކޯ ގޯޖްގައި ހިލަ ވެއްޓި ތިން ހައިކަރުން މަރުވެފައިވާ ކަމަށް އެންއެފްއޭ އިން ބުނެ އެވެ. އަދި އިރުމަތީ އައްސޭރީގެ ސުހޫއާ ހައިވޭގައި ހުރި ޓަނަލެއްގެ ކުރިމަތީގައި ވެއްޓުނު ހިލަތަކުގެ ސަބަބުން ޓްރަކް ޑްރައިވަރަކު ވެސް މަރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓްތައް ވެސް ފެންމަތިވެފައިވާއިރު، ހޫއަލިއަން ކައުންޓީގެ އިމާރާތްތައް ވެއްޓި، އެތައް ހާސް ގެއެއް ކަރަންޓް ނުލިބި، ބިންހެލުމާއި ހިލަ ވެއްޓުމުގެ ސަބަބުން ބޮޑު ހައިވޭއެއް ބަންދުވެފައިވާ ކަމަށް ޓައިވާނުގެ އޮފިޝަލުން ބުނެ އެވެ.
ތާށިވެފައި ތިބި ގިނަ މީހުން ތިބީ އުތުރުގެ ހުއާލިއަން ކައުންޓީގެ ދެ އެއްގަމު ޓަނަލްގައި ކަމަށް އެންއެފްއޭ އިން ބުނެ އެވެ. އެ ކައުންޓީގެ ތިން ވަނަ ޓަނަލެއްގައި ޖަރުމަނުގެ ދެ ރައްޔިތެއް ތާށިވެފައި ތިބި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.