އެމެރިކާގެ ލޮސް އެންޖަލިސްގެ ސެން ފަރްނާންޑޯ ވެލީގެ ފައިސާ ރައްކާކުރާ ތަނަކުން 30 މިލިއަން ޑޮލަރު ވަގަށް ނަގައިގެން އެފްބީއައި އާއި ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފިއެވެ.
މި ހާދިސާ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ލޮސް އެންޖެލިސް ޓައިމްސް އިންނެވެ.
އެފްބީއައި ލޮސް އެންޖެލިސްގެ އޮފީހުން ބުރާސްފަތި ދުވަހު ސީއެންއެންއަށް ބުނީ ސެން ފަރްނާންޑޯ ވެލީގައި ހިނގި "ބޮޑު ވައްކަމެއް" ތަހުގީގު ކުރަމުންދާ ކަމަށާއި އެލްއޭޕީޑީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ނަމަވެސް މިހާރު ހިނގަމުންދާ ތަހުގީގަކަށް ހަވާލާދީ އިތުރު ތަފްސީލެއް ހިއްސާ ނުކުރާނެ ކަމަށެވެ. އެލްއޭޕީޑީން ވަނީ ހުރިހާ ކޮމެންޓެއް އެފްބީއައިއަށް ރިފަރކޮށްފަ އެވެ.
ވައްކަން ކުރި މީހުން އެ އިމާރާތަށް ވަދެ އެލާމް ނުވެ ތިޖޫރިއަށް ވަދެފައިވެއެވެ. ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ވައްކަން ކުރީ ތަޖުރިބާކާރު ގްރޫޕެކެވެ. ތަހުގީގަށް ފޯކަސް ކުރާ އެއް ދާއިރާއަކީ އެ ގްރޫޕަށް އެ ފެސިލިޓީއާ ބެހޭ އެތެރޭގެ މައުލޫމާތު ލިބިފައިވޭތޯ ބެލުމެވެ.
ލޮސް އެންޖެލިސް ޓައިމްސް އިން ބުނާ ގޮތުގައި ކުރިން އެ ސިޓީގައި އެންމެ ބޮޑު ފައިސާގެ ވައްކަން ހިނގާފައި ވަނީ 1997 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު މަޓިއޯ ސްޓްރީޓްގައި ހުންނަ ޑަންބާ އާމަރޑް އިންކް ފެސިލިޓީގެ ކުރީގެ ތަނުން 18.9 މިލިއަން ޑޮލަރު ވަގަށް ނަގައިގެންނެވެ. އެ ޝައްކު ކުރެވޭ މީހުން އެންމެ ފަހުން ވެސް ވަނީ އަތުލައިގަނެފަ އެވެ.